22 Apr 2013, 03:37
ސިފައިންގެ ތެރޭގައި ހިދުމަތްކުރާ އެއްވެސް މީހަކު މާލޭގައި ހަރަކާތް ތެރިވާ ސިޔާސީ ތަކުގެ ތެރެއިން ޕާޓީއެއްގެ ރެޖިސްޓްރީގައި ޖައްސާފައި އޮތްތޯ ބެލުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން އެ މުވައްސަސާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ސިފައިން އެކިއެކި ޕާޓީގެ ތަކުގެ ދަފްތަރުގައި ޖައްސާފައިވާކަން ހާމަ ވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބްދުއްރަހީމް މިރޭ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ އަމަލުތައް ޕާޓީތަކުން ހިންގާފައި ހުންނަނީ އެ މީހުންނަށް ނޭނގި ކަމަށާއި އެހެންކަމުން އެ ނަންތައް ޕާޓީތަކުގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިހާރު ވާނީ އަންގާފައި ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިނާއި މެދު އެ ގޮތަށް މި ފަހަރު ދިމާވުމާއި ގުޅިގެން ކުރިއަށް ތަނުގައި ދޭތެރެއިން ދޭތެރެއިން އެކަން ބަލަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ ސިފައިން މި ޗެކް ކޮށްލީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އޮތްތޯ. އެ ބެލި ބެލުމުން މި އެނގުނީ އެ ކުދީންނަށް ނޭނގި ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީ ކޮށްފައި އޮއްވާ،" އޭނާ ވިދާޅުވިއެވެ.
ސިފައިންގެ 121ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅު ވެފައިވަނީ ސިފައިންގެ މުވައްސަސާ ތެރޭގައި ސިޔާސީ އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
އަދި ވިދާޅުވެފައިވަނީ އުމުރުން އަށާރަ ފުރިފައިވާ ކޮންމެ ސިފައިންގެ މީހަކަށް ގާނޫނީ ގޮތުން ލިބިދީފައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުން ހިފުމުން އެހާ ހިސާބުން އެ މީހާގެ ސިޔާސީ ދައުރު އެ ނިމުނީ ކަމަށެވެ.