22 Apr 2013, 03:35
މިމަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސްމާޓް އިލެކްޓްރޯނިކްސް ފިހާރަ ފަޅާލައި އެތަނުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނާއި ފައިސާގެ ތެރެއިން ބައެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ފަރީދީ މަގުގައި ހުންނަ ސްމާޓް އިލެކްޓްރޯނިކްސް ފިހާރަ ފަޅާލައި އެތަނުން ވައްކަން ކޮށްފައިވަނީ ފިހާރައިގެ ފުރާޅުގެ ޓިނު ނެގުމަށްފަހު ސީލިން ކަފާލައިގެން ފިހާރައަށް ވަދެ ކަމަށެވެ. އަދި އެ ފިހާރައިން ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ މޯބައިލް ފޯނާއި އައިޕެޑްތަކެއް ހިމެނޭކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
އެ ވައްކަމުގައި ޝާމިލުވި ބަޔަކު ހޯދުމަށްޓަކައި މިމަހުގެ ހަތަރު ވަނަ ދުވަހު ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި އުމުރުން 29 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުންނަކީވެސް މީގެކުރިން ވައްކަމާއި، މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
އޭނާ ވިދަޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މާލޭގައި ހިންގާ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންކަމަށާއި އޭނާ ހައްޔަރު ކުރި އިރު އޭނާ ދިރިއުޅެމުންދިޔަ ކޮޓަރި ތެރެއިން ސްމާޓް އިލެކްޓްރޯނިކްސް ފިހާރައިން ވަގަށް ނަގާފައިވާ 400000ރ. ރުފިޔާގެ ތަކެތީގެ ތެރެއިން 300000ރ. ރުފިޔާގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަމަށެވެ.
ފަހަކަށް އައިސް މާލޭގައި ކޮށްފައިވާ ބޮޑެތި ވައްކަންތަކުގައި ޝާމިލުވާ ފަރާތްތައް ކުށުގެ އަމަލު ހިންގުމަށްފަހު ފިލުމަށްޓަކައި މާލޭގައި ހުންނަ ގެސްޓް ހައުސްތަކުގައި އުޅެމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި ގެސްޓް ހައުސް ވިޔަފާރި ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށް ދާއޫދު ވިދާޅުވި އެވެ.
http://www.youtube.com/watch?&v=O2H0VJ_Cczg