ވައްކަމުގެ ތަފާތު ފަސް މައްސަލައެއްގައި ޅ.ނައިފަރު ރޯޝަނީގޭ އަބްދުﷲ އަހްމަދު،25، ދިގު މުއްދަތަކަށް ޖަލަށް ލާން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޅ.ނައިފަރު ގެއަކުން މެކްޓެކް ބްރޭންޑުގެ ކަރަންޓު ބުރުމާއެއް ވައްގަށް ނަގައިފައިވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާތީ އަބްދުﷲ އަހްމަދު ހަތަރު އަހަރަށް ޖަލަށް ލާން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި ނައިފަރު ގެއެއްގެ އަލަމާރީން 40 ޔޫރޯ އާއި ފަސް ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ވެސް އޭނާ ޝަރީއަތުގައި އިއުތިރާފުވުމުން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާ ހަތަރު އަހަރަށް ޖަލަށް ލުމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައި ނައިފަރު ގެއެއްގެ އަލަމާރިތެރެއިން 38600ރ. އޭނާ ވަގަށް ނެގިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެން ހުކުމް ކޮށްފައި ވަނީ ހަތް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.

އެ މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތުވީ ޝަރީއަތުގައި ކުށަށް އިއުތިރާފުވުމުންނެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއަގައި ނައިފަރު ބަނދަރުގައި އަޅާފައި އޮތް ބޯޓެއްގެ ގުދަންތެރެއިން މަސްދަޅު ކޭހެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް އޭނާ އިއުތިރާފުވުމުން ހަ އަހަރަށް ޖަލަށްލާން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ފުލުހުން ބުނީ އެ ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ.