ދުނިޔެ ތަރައްގީ ވަމުންދާ ވަރަކަށް އައު އީޖާދުތަކުގެ ބޭނުންތެރިކަމާއި އެކަމަށް އެދިއެދި ތިބޭ މީހުންގެ އަދަދުވެސް މިދަނީ ގިނަވަމުންނެވެ. އަދި އެންމެ ފަހުގެ ޓެކްނޯލޮޖީގެ އެހީގައި ފަސޭހަކަމާއެކު ބޭނުންވާ ކޮންމެ ކަމެއް ކޮށްލެވޭނޭފަދަ ވަސީލަތްތައް ހޯދައި އީޖާދުކުރުމަށް އިންޖިނޭރުން ކުރަމުންގެންދާ މަސައްކަތްވެސް ވާދަވެރި މާހައުލެއްގައި އެއްދުވަހުން އަނެއް ދުވަހަށް ދަނީ ފުޅާވެ އިތުރުވަމުންނެވެ.

މޯބައިލް ޓެކްނޯލޮޖީގައި ވާދަވެރި އެޕަލްއާއި ސެމްސަންގު އަދި މައިކްރޯސޮފްޓާއި ސޮނީފަދަ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކަށް ގޮންޖަހާލެވޭފަދަ މޮޅު އުފެއްދުމެއް މިފަހަރު ނެރެފައި މިވަނީ ޓެކް ޖަޔަންޓް ގޫގަލްއިންނެވެ. އެއީ ލޮލުގައި އަޅާލަން ހަމަ ފަސޭހަ ގޮތަކަށް އީޖާދުކޮށްފައިވާ ރީތި އައިނެކެވެ. އެކަމަކުވެސް އޭގައި އެކުލެވޭ މުހިއްމު ފީޗާސްތަކަށް ނަޒަރު ހިންގާލުމުން އެޔަށް އައިނެކޭ ނުކިޔަފާނެއެވެ.

ގޫގަލް ގްލާސް ނުވަތަ ގޫގަލް އައިނަކީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ މަޝްހޫރުކަން ހޯދާފައިވާ އެޕަލް އައިފޯނާއި އަދި ސެމްސަންގު ގެލެކްސީ ފޯނުތަކަށްވެސް އޭގެ ކުރިމަތީގައި "އިސްޖަހާލަން"ޖެހޭވަރުގެ މޮޅުއުފެއްދުމެއްކަމަށް އޭގެ އަޖުމަ ބަލާލާފައިވާ މީހުންގެ ވާހަކަތަކުން ސިފަވެއެވެ. ސްމާޓު އަދި އުފެއްދުންތެރި މި އާލާތް ކާމިޔާބު އެއްޗަކަށް ވެއްޖެނަމަ ދުނިޔޭގައި މިހާތަނަށް އުފެއްދުނު އެފަދަ ބޮޑެތި އީޖާދުގެ ތެރޭގައި ގުނާލެވޭ އެއްޗަކަށް ގޫގަލް ގްލާސް ވެގެންދާނޭ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ގޫގަލްގެ ކޯފައުންޑާ ސާޖޭ ބްރައިން، ގޫގަލް ގުލާސް އުފެއްދުމުގެ ވާހަކަތަށް ދައްކަން ފެށިތާ މިހާރު ދެއަހަރެއް ވެދާނެއެވެ. ބުނެވޭ ގޮތުގައި އެންމެފަހުން މިހާރު އެކަންމިވަނީ ނިމުމަކަށް އައިސްފައެވެ. މިހަފްތާ ތެރޭގައި ގޫގަލްއިންވަނީ އެ އައިނުގެ ހާޑްވެއާއާއި ސޮފްޓްވެއާ އަދި ލައިސަންސިންއާ ބެހޭ ވާހަކަތައް ހާމަކޮށްފައެވެ. އެހެން ކަމުން ގޫގަލް ގްލާސްގެ މުހިއްމު ބައެއް ސިފަތަކަށް ބަލައިލަމާ ހިނގާށެވެ.

ފޮޓޯނެގުމުގެ ގާބިލުކަން: ގޫގަލް ގްލާސްއަކީ ކުރިންވެސް ދެންނެވިފަދައިން އައިނެއްގެ ސިފައިގައި ލޮލުގައި އަޅާފައި އިންނަ ކޮމްޕިއުޓަރެކެވެ. އެގޮތުން ފަސް މެގަޕިކްސެލް ކެމެރާއެއް ހިމެނޭ އެ އައިނުން ފޮޓޯއެއް ނަގަން ބޭނުންވުމުން އޭގައި ހިމެނޭ "ވޮއިސް ކޮމާންޑް އެކްޓިވޭޓް" ކުރުމަށްފަހު ފޮޓޯއެއް ނެގުމަށް އައިނުކައިރީ ބުނެލުމުން ވަގުތުން ތިބާ ބަލަންހުރި ދިމާއެއް ފޮޓޯ ނެގުމުގެ ގާބިލުކަން އެޔަށް ލިބިގެންވެއެވެ.

ވީޑިއޯކުރުން: ގޫގަލް ގްލާސް އަކީ 720p ގެ ހައިޑެފިނިޝަން (އެޗްޑީ) ކޮލިޓީ ވީޑިއޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ އާލާތެކެވެ.

މަގު ބުނެދިނުން: ގޫގަލް މެޕް ބޭނުންކޮށްގެން އެމީހާ ދަތުރުކުރަމުންދާ މަގު ވަރަށް ރަނގަޅަށް ކިޔައިދިނުމުގެ ގާބިލުކަން ގޫގަލް އައިނަށް ލިބިގެންވެއެވެ. އަދި ތިބާ ދަތުރުކުރަމުންދަނީ ތަންކޮޅެއް ދުރުމަގަކުންނަމަ އެންމެ ފަސޭހައިން އަދި އެންމެ އަވަހަށް ދެވޭނޭ މަގުވެސް ގޫގަލް ގްލާސް ތިބާއަށް ބުނެދޭނެއެވެ.

މެސެޖު ފޮނުވުން: ފޯނެއް ނޫންނަމަވެސް ގޫގަލް ގްލާސްއަށް ތިބާ ބޭނުންވާ ނަމްބަރަށް މެސެޖެއް ފޮނުވާލުމަކީވެސް ފަސޭހަކަމެކެވެ. އެގޮތުން ތިބާ ބޭނުންވާ މެސެޖް ކިޔާލުމުން ގްލާސްގައި ހިމެނިފައިވާ "ނެޗްރަލް ލެންގުއޭޖް" ދެނެގަތުމުގެ ގާބިލުކަމާއެކު އެ މެސެޖް ލިޔެލުމަށްފަހު ފޮނުވާލަން ބުނުމުން ފޮނުވާލަދޭ ކަމަށްވެއެވެ.

މިދެންނެވި ސިފަތަކުގެ އިތުރުން ވައިފައި 802.11b/g އަދި ބުލޫޓުތު 4.0 ހިމެނޭ އެ އައިނުގައި 16 ޖީބީގެ ސޮޓޯރޭޖް ހިމެނެއެވެ.

ގޫގަލް ގްލާސް މަސައްކަތްކުރާގޮތްވެސް ކޮންމެވެސް ވަރަކަށް ކިޔާލަ ދޭނަމެވެ. މިސާކަލަށް ތިބާ ބޭނުންވަނީ ފޮޓޯއެއް ނަގަން ކަމުގައި ވަނީނަމަ ފޮޓޯނަގަން ބޭނުންވާ އެއްޗެއް ނުވަތަ ތަނަކާދިމާއަށް ބަލަން ހުރެގެން "އޯކޭ، ގްލާސް، ޓޭކް އަ ޕިކްޗާ"، ނުވަތަ ބޭނުން ވަނީ ވީޑިއޯ ކުރަންނަމަ، "އޯކޭ، ގްލާސް، ރެކޯޑް އަ ވީޑިއޯ"، މެސެޖެއް ފޮނުވަން ބޭނުންނަމަ "އޯކޭ، ގްލާސް، ސެންޑް އަ މެސެޖް ޓު [ނަން]،"، "އޯކޭ، ގްލާސް، ސެންޑް، [ނަން]، ދެޓް [ބޭނުންވާ މެސެޖް]، "އޯކޭ، ގްލާސް، ސެންޑް [މެސެޖް] ޓު [ނަން]" މިފަދަ ކޮމާންޑްތައް ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ގޫގަލްގެ މި ހައިރާން ކުރުވަނިވި އީޖާދު ބޭނުން ކުރެވެއެވެ.

ގޫގަލް ގްލާސް ޕްރޮޖެކްޓް ޓީމުން ހާމަކޮށްފައިވާ ގޮތުގައި ގޫގަލް ގްލާސް މިވަގުތު އަދި ނަންބަރު އައިނު އަޅާ ފަރާތްތަކަށް ބޭނުންމެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް އެކުފުނިން މަސައްކަތް ކުރަމުންގެންދަނީ ނަންބަރު އައިނު އަޅާފަރާތްތަކަށްވެސް ބޭނުން ކުރެވޭގޮތަށް އެ އައިނުތަރަށްގީ ކުރަމުން ކަމަށާއި އަދި ހަމައެކަނި ފްރޭމެއްގެ ގޮތުގައި ނެރޭ އެއައިނަށް ލެންސް އުފެއްދުމަށްޓަކައި އަވިއައިނު އުފެއްދުމުގައި މަޝްހޫރު ބައެއް ކުންފުނި ކަމަށްވާ ރޭބަން، ވާބީ ޕާކާ ފަދަ ކުންފުނިތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

ގޫގަލްއިން ވަނީ މިހާރު ގޫގަލް ގްލާސް ޑިވެލޮޕަރުންނަށް ހުޅުވާލާފައެވެ. އެގޮތުން އެންޑްރޮއިޑް ޕްލެޓްފޯމްގައި ފައްކާ ކޮށްފައިވާ އެއައިނަށް ހަދާ އެޕްލިކޭޝަން ތަކުގައި އަދި މިވަގުތަށް އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ބޭނުން ނުކުރެވޭ ގޮތަށް ގޫގަލްއިން ވަނީ ހަމަޖައްސާފައެވެ. އަވަސް މުއްދަތެއްގެ ތެރޭގައި ގޫގަލް ގުލާސް ބާޒާރަށް ނެރެވޭތޯ ބަލަމުންދާކަމަށް ގޫގަލް ގްލާސް ޕްރޮޖެލްޓް ޓީމުން ބުނެފައިވާއިރު އޭގެ ލަފާ ކުރެވޭ އަގު ގާތްގަނޑަކަށް 25000 ރުފިޔާ އަށްވުރެ މަތިވާނެއެވެ.