ޕީޕީއެމް އިން ހުސްވެފައިވާ ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ޕީޕީއެމްގައި ތިއްބަވާ ދެ ނައިބް ރައީސުންގެ ތެރެއިން އެއް މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ އެ ޕާޓީން ހުސްވެފައިވާ ނައިބް ރައީސް ކަމުގެ މަގާމަަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.

ދުންޔާ ވިދާޅުވީ ނައިބް ރާއީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ކަމަށެވެ. އެގޮތުން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ނައިބް ރައީސް ކަމުގެ މަގާމަށް މީހަކު ހޮވުމަށް ވޯޓް ނަގާނީ ކައުންސިލްގެ މެންބަރުންގެ މެދުގައި ކަމަށެވެ.

ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ޕީޕީޫއެމް އިން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އިލްހާމް ވިދާޅުވެފައި ވަނީ ޕީޕީއެމުން އެހެން ޕާޓީތަކާ ކޯލިޝަން ނެހެދުމުގެ ސަބަބުން ޕާޓީ ބަލިކަށިވެ އެމްޑީޕީގެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނާން ފަށާފައިވާ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި ޕީޕީއެމް އަށް ވެރިކަން ލިބިދާނެ ކަމަށް އަމިއްލަ ނަފްސަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އިލްހާމް ވިދާޅުވެފައިވެ އެވެ.