21 Apr 2013, 21:52
ވިލިމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވިލިމާލޭގައި ހިންގި އޮޕަރޭޝަންގައި އެ ރަށު ފްލޮރިޑާހައުސްގެ ފުރަތަމަ ފަންގިފިލާގައި ބަނގުރާ ތައްޔާރު ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފައި ވަނީ އުމުރުން 29، އަހަރުގެ ބަނގްލަދޭސް މީހެކެވެ.
ނަމަވެސް އެ އޮޕަރޭޝަން ހިންގީ ކޮން އިރަކު ކަމެއް އަދި އޭނާ ހައްޔަރު ކުރީ ކޮން އިރަކު ކަމެއް ނުބުނެ އެވެ.
ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ގެ ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައި ހުރި 20 ލިޓަރުގެ 17 ހަމާއި ފަސް ލިޓަރުގެ ހަ ފުޅި އާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުސްކޮށްފައި ހުރި ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް އެ ތަނުން ފެނިފައިވާ ކަމަށެވެ.
މިހާރު އެ މައްސަލަ ގެންދަނީ ތަހްގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެޏެވެ.