21 Apr 2013, 21:49
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީގައި މަކަރުހަދާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އެއްވެސް ބުރަދަނެއް ހުރި މައްސަލަ އެއް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީގެތަކުގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާނީ އެ ޕާޓީ އަކުން ކަމަށާއި އެއީ ކޯޓު މަރުހަލާއިން ނިންމަން ޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ.
"ސިޔާސީ ޕާޓީގެތަކުގެ އެތެރޭގެ އިންތިހާބުތަކަކީ އެ ޕާޓީ އަކުން އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅައިގެން ކުރިއަށް ގެންދާ އިންތިހާބުތަކެއް. އިލެކްޝަންސް ކޮމިޝަނުން ވެސް ވިދާޅު ވަނީ ޕާޓީގެ ތަކުގެ އެތެރޭގެ އިންތިހާބުތަކަށް އެބޭފުޅުން ވެސް ފާޑެއް ވިދާޅުނުވާނެ ކަމަށް. އަދި އެތެރޭގެ އިންތިހާބު ތައް ކުރިއަށް ދާނީ ޕާޓީގެ ތެރޭގައި ހެދިފައިވާ ގަވާއިދެއްގެ ތެރެއިން ކަމަށް އިލެކްޝަންސްއިން ބުނެފައި ވަނީ. އެހެން ވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އޭގައި އެއް ވެސް ބުރަދަނެއް ހުރި މައްސަލަ އެއް ނޫން. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން ވެސް އަދި ޕާޓީގެ ހިންގާ ގަވާއިދުގެ ތެރެއިން ޕާޓީގެ އެތެރޭގެ އެއް ވެސް މައްސަލަ އެއްގަ ކޯޓަކަށް ދެވިދާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް އިންތިޚާބާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އުމަރު ނަސީރުގެ ކެމްޕޭން މެނޭޖަރުގެ ގޮތުގަައި ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެފައި ވަނީ ޕްރައިމަރީގައި މަކަރުހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިންތިޚާބާ ބެހޭ ކޮމެޓީ އަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭނީ ޝަރީއަތުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ޕާޓީގެ އެތެރޭގެ އެއް ވެސް މައްސަލަ އަކަށް ކޯޓުން އެއްޗެއް ބުނެވިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެކަމާ ގުޅޭގޮތުން ޕާޓީގެ ގާނޫނީ ޓީމްގެ ލަފާ ހޯދަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ޕާޓީގެ އެތެރޭގެ އެއް ވެސް ކަމަކާ ކޯޓުން ބަސްފުޅެއް ވިދާޅުވެވޭނެ އުސޫލެއް ނޮއޮންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މި ދަނީ އެ މައްސަލާގައި ޕާޓީގެ ގާނޫނީ ޓީ،މުގެ ލަފާ ހޯދަމުން." ދުންޔާ ވިދާޅުވި އެވެ.