21 Oct 2010, 11:03
މި އަހަރުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފި ނަމަ ދެ ރޭޑިއޯ ސްޓޭޝަނެއްގެ ފްރިކުއެންސީ، ބާތިލު ކުރާނެ ކަމުގެ އިންޒާރު ކޮމިއުނިކޭޝަން އޮތޯރިޓީން ދީފި އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހުމަދު މިއަދު ވިދާޅުވީ އަހަރީ ފީ މިހާތަނަށް ނުދައްކައިވާ ދެ ރޭޑިއޯ ސްޓޭޝަނުން ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދުމަށް އެ އޮތޯރިޓީގައި އެދިފައިވާ ކަމަށެވެ. އަދި އެ އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުން އެކަމާ ގުޅިގެން ނިންމާފައި ވަނީ މި އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކައި ޚަލާސް ކުރުމަށް އެ ދެ ފަރާތަށް އެންގުމަށާއި އަދި މި އަހަރު ނިމޭއިރު ފީ ނުދައްކައިފި ނަމަ އެ ދެ ސްޓޭޝަންގެ ފްރިކުއެންސީ ބާތިލުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މި އަހަރުގެ ނިޔަލަށް އެ ފައިސާ ނުދައްކައިފި ނަމަ ފްރިކުއެންސީ ކެންސަލްވާ ގޮތަށް ބޯޑުން ނިންމާފައި އޮތީ" އިލްޔާސް ވިދާޅުވި އެވެ.
އަހަރީ ފީ ނުދައްކައި ވަނީ ކޮން ދެ ސްޓޭޝަނަކުން ކަމެއް އިލްޔާސް ވިދާޅެއް ނުވެ އެވެ.
އެ އޮތޯރީޓީން ބުނި ގޮތުގައި އަހަރީ ފީ އަކީ މުޅި ރާއްޖެ އަށް ނަމަ 100000 ރުފިޔާ އެވެ. އަދި މާލެ އަށް ނަމަ 30،000 ރ. އަދި އަތޮޅަކަށް ނަމަ 10،000 ރުފިޔާ އެވެ.