21 Apr 2013, 20:19
އައްޑޫ ސިޓީގައި ލޯ ފެކަލްޓީ އެއް ހުޅުވުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް ލޯ އިންސްޓިޓިޔުޓާ ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އައްޑޫ ސިޓީގައި ލޯ ފެކަލްޓީއެއް ގާއިމް ކުރުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް ލޯ އިންސްޓިޓިޔުޓާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ލޯ ފެކަލްޓީ ގާއިމް ކުރެވޭނީ އައްޑޫ ސިޓީގެ ހުޅުމީދޫގަ އެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ލޯ އިންސްޓިޓިޔުޓްގެ ރައީސް އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވީ އައްޑޫ ސިޓީގައި އެ އިންސްޓިޓިޔުޓްގެ ފަރާތުން ލޯ ފެކަލްޓީއެއް ގާއިމް ކުރުމަކީ މީގެ ތިން އަހަރު ކުރީން ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އަދި މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން އެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ލޯ އިންސްޓިޓިޔުޓްގެ ފަރާތުން ފޯރުކޮށްދޭނެ އެހީ އަކީ އައްޑޫ ސިޓީގައި ގާއިމު ކުރެވޭ ލޯ ފެކަލްޓީއަށް ބޭނުންވާ ލެކްޗަރާއިން ހޯދައި ދިނުމާއި ފެކަލްޓީގެ މުގައްރަރު ކަނޑައެޅުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީގައި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އާއި ގާނޫނީ ވަކީލު ޝަހުދީ އަންވަރާއި އަދި ހުސްނުއްސުއޫދު ވެސް އެ ފެކަލްޓީގައި ކިޔަވައި ދެއްވާނެ ކަމަށެވެ.
ސޫދު އިތުރަށް ވިދާޅުވީ ފެކަލްޓީގައި ކިޔަވައި ދޭނީ އިނގިރޭސި ބަހުން ކަމަށާއި އުންމީދަކީ އަންނަ އަހަރު އެ ފެކަލްޓީ ބައިނަލްއަގްވާމީ ފެންވަރަށް ކިޔަވައިދޭ ފެކަލްޓީއަކަށް ހެދުން ކަމަށެވެ. އެގޮތުން މިހާރު ވެސް ލަންޑަންގެ ޔުނވާސިޓީއާ ވާހަކަ ދައްކަމުން ދާ ކަމަށާއި އަންނަ އަހަރުން ފެށިގެން އެ ފެކަލްޓީން ދޫ ކުރާނީ ލަންޑަންގެ އިންޓަނޭޝަނަލް ޔުނިވާސިޓީއެއްގެ ސެޓިފިކެޓް ކަމަށެވެ.
ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ވިލޯ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީ އަކީ އެސްޓީއޯގެ އެހީތެރި ކަމާއި އެކު ގާއިމް ކުރެވޭ ލޯ ފެކސލްޓީ އެއް ކަމަށެވެ. އެގޮތުން ލޯ ފެކަލްޓީ ގާއިމް ކުރެވޭ އިމާރާތަކީ އެސްޓީއޯއިން ދީފައިވާ އިމާރަތެއްގައި ކަމަށް އަންވަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީގައި އަންނަ މޭ މަހުން ފެށިގެން ކިޔަވައި ދޭން ފަށާނެ ކަމަށެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން އެލްއެލްބީ ފެންވަރަށް އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމް ކުރެވޭ ލޯ ފެކަލްޓީގައި ކިޔަވައި ދޭނެ ކަމަށެވެ.