އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ ހަތަރު ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދަޢުވަތު އަރުވައިފި އެވެ.

އެ ބައްދަލުވުމަށް ދަޢުވަތު އަރުވައި، ފަލަސްޠީނުގެ ރައީސް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވީ، ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރު އަންވަރު އަލް-އަޣާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަކީ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން އަބަދުވެސް ދެކޭ ކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ފަލަސްޠީނު ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ފަލަސްޠީނު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިސްލާމީ ސަޤާފަތް ދެމެހެއްޓުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ފަލަސްޠީނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސަރުކާރަށް އަބަދުވެސް އޮންނާނެ ކަމުގައި ވިދާޅުވެ، އަރަބި ޤައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ޢަރަބި ދުނިޔޭގައި އެމަނިކުފާނަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޝަރަފުވެރި ދަޢުވަތު ދެއްވި ކަމަށްޓަކައި ފަލަސްޠީނުގެ ރައީސަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ދިވެހިރާއްޖެ އިން އަބަދުވެސް ފަލަސްޠީނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ ހަތަރު ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ.