ހުޅުމާލޭ ގެސްޓު ހައުސްއަކުން ވަގަށް ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި ވައްކަން ކުރުން އާންމުވަމުންދިއުމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުންނަ ޕާމް ވިއު ގެސްޓް ހައުސްއިން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ވައްކަން ކުރި މައްސަލައަކާ ގުޅިގެން އުމުރުން 30 އަހަރުގެ މީހަކާއި އުމުރުން 32 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ދެ މީހުން ހައްޔަރުކުރީ މަގުމަތިން ހިނގާފައި ދަނިކޮށް ފުލުހުން ފެނުމާ އެކު ދުވެފައިގޮސް އެ ދެ މީހުން ދިރިއުޅޭ ގެއަށް ވަންނަނިކޮށް ކަމަށެވެ.

ފުލުހުން ބުނީ ޕާމް ބީޗް ގެސްޓް ހައުސް އިން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދާފައި ވަނީ އެ ދެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު އެގޭތެރެއިން ކަމަށެވެ. އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ކެނޮން ބްރޭންޑްގެ ކެމެރާ ހޯދާފައި ވަނީ އެދެމީހުން ދިރިއުޅޭ ގޭގައި ހުރި ހަނޑޫ ބަސްތާއެއްގެ ތެރެއިންނެވެ. އަދި އެ ގެސްޓްހައުސް އިން ގެއްލުނު 363 ޑޮލަރު ފެނިފައި ވަނީ ބަދިގޭގައި ހުރި ގޭސް ފުޅިއެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ދެމީހުން ވަގަށްނެގި ތަކެތި ހޯދައި މިހާރު އެތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.