21 Apr 2013, 14:46
އައްޑޫސިޓީގެ ހަތް ގެއަކުން ގޭސް އުނދުނާއި ހިފާގެންގުޅޭ ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރާއި 43 އަހަރުގެ ދެ މީހުން ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިތަދޫ ބައެއް ގޭގެއިން ވައްކަން ކުރި މައްސަލައަކާ ގުޅިގެން ފުލުހުން ކުރަމުން ދެންދިޔަ ތަހުގީގެއްގައި އުމުރުން 32 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ވައްކަން ކުރަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހިތަދޫ ހަތް ގެއަކުން ވަގަށްނަގާފައި ވަނީ ލެޕްޓޮޕަކާއި އައިޕެޑެއްގެ އިތުރުން ގޭސް ފުޅިތަކާއި ގޭސް އުނދުނާއި ވަޑާންކުރުމަށް ބޭނުންކުރާ އާލާތްތަކާއި އަންނައުނާއި ގޭތެރޭގައި ހިފާގެންގުޅުމަށް ބޭނުންކުރާ ބައެއް ސާމާނުތަކުގެ އިތުރުން ބަގީޗާގެ ގޮތުގައި ހައްދާފައި ހުރި ގަސްތަކެއް ކަމަށެވެ. އަދި އެތަކެތީގެ ތެރެއިން އައިޕެޑް ފިޔަވައި އެހެން ހުރިހައި ތަކެތި ފުލުހުން ހޯދާފައި ވަނީ ހިތަދޫ ވަލުތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.