21 Apr 2013, 14:38
ށ.ކޮމަންޑޫ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަދުހަމް އަބްދުﷲއާ ސަން އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ މިއަދު ވިދާޅުވީ ށ. ކޮމަންޑޫގެ ބިން ހިއްކުމުގެ ފިޔަވަހީގެ މަސައްކަތް ކުރުމަށް ބޭނުންވާ އެގުރިމެންޓް ނިމުނުހާ އަވަހަކަށް އެމަސައްކަތް ފެށޭނެ ކަމަށާއި ލަފާކުރެވެނީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެރަށު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެކަމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ސައިޓް ސުޓާފުން މިހާރުވެސް އެބަތިބި، ދެން އެގުރިމެންޓަކަށް އާދެވުނުހާ އަވަހަކަށް މަސައްކަތް ފެށޭނެ، އަޅުގަނޑު މެން އުންމީދުކުރަނީ މި ހަފްތާގެ ތެރޭގައި ނުވަތަ މިއަންނަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް" އަދުހަމް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ ކޮމާންޑު ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި 5.6 ހެކްޓާ ހިއްކާފައިވާއިރު ދެވަނަ ފިޔަވަހީގައި 6.3 ހެކްޓާ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެޕުރޮޖެކްޓްގެ ދަށުން ހިއްކާ ހިސާބް ވަށައިގެން ރިވެޓް މަންޓްވެސް ޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމަންޑޫ ކައުންސިލްގެ ރައީސް އަލީ ޝަހީމް މިއަދު ސަން އަށް ވިދާޅުވީ ބިމުގެ ދަތިކަމަކީ އެރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެގޮތުން 200 ވަރަކަށް މީހުނަށް މިހާރުވެސް ގޯތި ނުލިބިފައި އެރަށުގައި އެބަހުރި ކަމަށެވެ. އަދި އެބިން ދޫކުރަނީ ކޮން ބޭނުމަކަށްތޯ ސުވާލުކުރުމުން ޝަހީމް ވިދާޅުވީ މިހާރު ވިސްނުން ހުރީ އެބިން ބޭނުންކޮށްގެން ރައްޔިތުން މުނިފޫހި ފިލުވާފަދަ ތަންތަން ހެދުން ކަމަށެވެ. އަދި އެބިމުން ގޯތި ދޫކުރުމަށް ނުވިސްނާ ކަމަށް އޭނާ ވިދާޅުވިއެވެ.