ކަޅުތުއްކަލާކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއް މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ދިފާއީ ވަޒީރު މުހައްމަދު ނާޒިމްއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ސިފައިންނަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ އަސްކަރިއްޔާއެއް ކަމަށާއި އެހެންކަމުން ދިވެހި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް ސިފައަކަށް ވާންޖެހޭނީ އިސްލާމީ އަގީދާގައި ނުގުޑާފަދަ ސާބިތުކަމާއެކު ތިބި ސިފައިންގެ ބަޔަކަށްވުންކަމަށް ވިދާޅުވި އެވެ.

އަދި ސިފައިންގެ ކޮންމެ މީހަކު ވެސް ދީނީކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ކޮމާންޑަރަކު ވެސް އެމީހެއްގެ ކޮމާންޑުގެ ދަށުގައިވާ ސިފައިން ދީނީ ކަންތައްތައް ކުރުމަށް ބާރު އަޅާ އެކަންކަން އަބަދުވެސް އެމީހުންނަށް ހަނދާންކޮށްދޭން ޖެހޭނެ ކަމަށާއި ދުޅަހެޔޮ ހިތްވަރުގަދަ ކެރޭ އަސްކަރިއްޔާއެއް ބިނާކުރެވޭނީ މާއްދީ ތަރައްގީއާ އެއްވަރަށް ރޫޙާނީ ތަރައްގީ ވެސް ކުރެވިގެންކަން ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދީނީ އަޅުކަން ވީހާވެސް ފަސޭހައިން އަދާކުރެވޭނެ މަގު ސިފައިންނަށް ތަނަވަސްކޮށްދިނުމަކީ އެމަނިކުފާނު އަބަދުވެސް ކުރަންބޭނުންވާ ކަމެއްކަމަށާއި މިގޮތުން މިއަދު ބިންގާ އެޅިގެންދާ މިސްކިތަކީ ކަޅުތުއްކަލާކޮށީގައި މިހާރު ހުރި މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ބިނާކުރެވޭ މިސްކިތެއްކަމަށްވެސް ވިދާޅުވިއެވެ.

ކަޅުތުއްކަލާކޮށީގައި ބިނާ ކުރެވޭ މި މިސްކިތަކީ ޑައިމަންޑް ޝޭޕަށް ދެބުރިއަށް ބިނާކުރެވޭ މިސްކިތެއް ކަމަށާއި 200 މީހުންނަށް ނަމާދުކުރެވޭގޮތަށް ބިނާކުރާ އެ މިސްކިތް ވަށައިގެން ބިއްލޫރި ޖަހާފައިވާއި މި މިސްކިތުގެ ތިރީބުރި ހާއްސަ ކުރެވިފައިވަނީ އެކިއެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ހުސްކޮށް އޮންނަ ގޮތަށް ދިފާއީ ވުޒާރާއިން މައުލޫމާތުދެ އެވެ.
އެ މިސްކިތަކީ ހެޔޮއެދޭ ބޭފުޅެއްގެ ދީލަތި އެހީއާއެކު ބިނާކުރެވޭ މިސްކިތެކެވެ.