އެމްޑީޕީގެ ވެރިކަމެއްގައި ދިވެހި ސިފައިން އެމީހުންގެ ޕްރޮފެޝަނަލިޒަމާ އެއްގޮތަށް ގަދަރާއި ކަރާމާތުގައި ބައިތިއްބާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރިއަށް ގެންދާ "ދޭތިން ފަހެތި" ކެންޕޭންގައި ރޭ ނ ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރައި ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ވިދާޅުވީ އެތައް ޒަމާނަކަށް ދިގު ދެމިގެން ގޮސްފައިވާ ސިފައިންގޭގެ ފަޚުރުވެރި ތާރީޚުގައި، މިއަދު ކަޅު ލައްގަނޑެއް ޖެހިފައިވާ ކަމަށެވެ. އެ މަނިކުފާނު މި ގޮތަށް ވާހަކަފުޅު ދެއްކެވީ ސިފައިންގެ 121 ވަނަ އަހަރީ ދުވަހާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރައި ހޯދައިދޭނަން. އެތައް ޒަމާނަކަށް ދިގު ދެމިގެން ގޮސްފައިވާ ސިފައިންގޭގެ ފަޚުރުވެރި ތާރީޚުގައި، މިއަދު ކަޅު ލައްގަނޑެއް ޖެހިފައިވަނީ 2012 ފެބްރުއަރީ ހަތް ވަނަ ދުވަހު އަޅުގަނޑުމެން އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލުމުގައި ސިފައިންގެ ތެރެއިން މަދު ބަޔަކު ބައިވެރިވުމުގެ ސަބަބުން. އިރާދަކުރެއްވިއްޔާ ދެން އުފެދިގެން އަންނަ އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރުގައި އަލުން އަނބުރާ ސިފައިންނަށް އެބައިމީހުންގެ ޕްރޮފެޝަނަލިޒަމްއާ އެއްގޮތަށް ގަދަރާއި އަދި ކަރާމާތުގައި ބައިތިއްބައިދޭނަން. " ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވަނީ ގަޑުބަޑު ކުރެވިފައި ކަމަށާއި އެކަމުގެ ސަބަބުން ސިފައިންގެ އުންމީދުތަކަށްވެސް މިއަދު ވަނީ ހިޔަނިއެޅިފައިކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެ އުންމީދުތައް ހާސިލްކޮށްދީ އަދި ސިފައިން އެބައިމީހުންގެ ހައްގު މަގާމުގައި ބައިތިއްބައި ދެއްވާނެކަމުގައި، ރައީސް ނަޝީދު ވިދާޅުވިއެވެ.