ރައްޔިތުންގެ މަޖިލީހުގެ އުނގޫފަރު ދާއިރަގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ޝަރީއަތް ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޝާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާތީ ކަމަށެވެ.

ދައުވާ އިއްވުމުން ޝާން ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި އަމިއްލަ އަށް ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށެވެ.

އޭނާ ބުނީ އޭނާ ހަމަޖައްސާފައިވާ ވަކީލު ސަސްޕެންޑްކޮށްފައި ހުރުމުން ދެން ޖެހޭނީ އާއިލާއާ ވާހަކަ ދައްކައިގެން ވަކީލަކު ހަމަޖައްސަން ކަމަށެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ހޯދާފައިވާ ހެކިތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ޝާން ވަނީ ޝަރީއަތުގައި ބުނެފަ އެވެ. އޭނާ އެހެން ބުނުމުން ގާޒީ ވިދާޅުވީ ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދެވޭނީ ދައުވާ އަށް ޖަވާބުދާރީ ވުމުން ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ ބައެއް ލިޔުންތައް ސިއްރު ކުރުމަށް ދައުލަތުން އެދިފައިވާ ކަމަށާއި އެހެންކަމުން ސިއްރު ކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ދޫކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވާލެއްވީ ވަކީލަކު ހަމަޖެއްސުމަށް ޝާން އަށް ފުރުސަތު ދިނުމަށް ފަހު އެވެ.

އެ މައްސަލައިގެ ދެވަނަ ޝަރީއަތުގެ މަޖިލީސް އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ވެސް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސާފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ވަގުތު އެގޭ ކައިރީ ފާރަ އަށް ހުރި ކުއްޖާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ އެކުށަށް އިއުތިރާފުވެފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލައިފައި ވަނީ ކުޑަހެންވޭރު ގުރޫޕަށް ހަތަރު މިލިއަން ރުފިޔާ ދީގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.