ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ އުމުރަކީ 14 އަހަރު ކަމަށް ގާނޫނުލް އުގޫބާތުގެ ޑްރާފްޓުގައި ބުނެފައިވުމުން އެ އުމުރު 10 އަހަރަށް ދަށް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން، ފޮރިން މިނިސްޓްރީން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ގާނޫނުލް އުގޫބާތު ކޮމެޓީގެ މުގައްރިރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ދައުވާ ކުރުމުގެ އުމުރު ކަނޑައެޅުމާ މެދު ދެ މިނިސްޓްރީގެ މެދުގައި ހިޔާލު ތަފާތުވީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފަށް ދައުވާ ކުރުމުގެ އުމުރު ދަށް ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނުމުން ކަމަށެވެ. ކުޑަކުދިންނާ ބެހޭ މުއާހަދާގައި ދައުވާ ކުރުމުގެ އުމުރަކީ 15 އަހަރު ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް ފިގުހު އެކަޑަމީން މަޖިލީހަށް ފޮނުވާފައި ވަނީ ދައުވާ ކުރުމުގެ އުމުރު 10 އަހަރަށް ދަށް ކުރުމަށެވެ.

ފިގުހު އެކަޑަމީން ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ދީނުގައި ވާޖިބުކޮށްފައިވާ ކަންތައްތައް ނުކުރުމުން އިސްލާހީ އަދަބު ދޭންއަންގަވާފައިވާ އުމުރަކީ 10 އަހަރު ކަމަށެވެ. އަދި ރާއްޖޭގައި ކުށްކުރުމަށް ހުށަހެޅޭ ކުދިންގެ އާންމު އުމުރަކީ 11 އަހަރުން މަތީގެ ކުދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ފިގުހު އެކަޑަމީން ބުނެފައިވެ އެވެ.

ދެ މިނިސްޓްރީގެ ދެމެދުގައި ހިޔާލު ތަފާތުވެފައިވި ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލް ތާއިދު ކުރައްވަނީ މިހާރު ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުވާ ކުރުމުގެ އުމުރު 14 އަހަރަށް ބޭއްވުމަށް ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.

"ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި އެހެނިހެން ކަންތައްތަކަށް ރިޔާއަތް ކުރުމަށް ފަހު އުމުރު ކަނޑައެޅުމާމެދު އަޅުގަނޑުމެން ގޮތެއް ނިންމާނަށް. މިހާރު ވެސް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ އުމުރުގެ މައްސަލާގައި ފިއްތުންތަކެއް ކުރިމަތިވާ ކަމަށް އެބަބުނޭ. އެހެންކަމުން މިހާރު ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތަށް 14 އަހަރު ގޮތުގައި ބޭއްވުމަށް ވެސް ޕީޖީ އެބަ ތާއިދު ކުރައްވާ. ފޮރިން މިނިސްޓްރީން ވެސް އެކަމަށް ދެކޮޅެއް ނަހަދާ. އެކަމަކު އިސްލާމިކް މިނިސްޓްރީން ބުނަނީ 10 އަށް ތިރިކުރާށޭ. އެކަމާ މެދު މިހާރު މަޝްވަރާ މިކުރަނީ،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ބިލުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ކޮމެޓީން މަޝްވަރާ ކުރަމުންދަނީ ދައުވާ ކުރުމުގެ އުމުރު ކަނޑައެޅުމަށާއި ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އެ ހައްދެއް ގާއިމް ކުރަންޖެހޭ ގޮތަށް ލާޒިމްކޮށް، ގާނޫނުލް އުގޫބާތުގެ ޑްރާފްޓަށް މާއްދާއެއް އިތުރު ކުރި މާއްދާއާ މެދުގައި ކަަމަށެވެ. އެ މާއްދާއާ މެދު މެންބަރުން އިތުރަށް ވިސްނަން ޖެހޭ ކަންތައްތަކެއް ވެސް ހުރި ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ދެ ފަހަރެއްގެ މަތިން ހުށަހެޅި ގާނޫނުލް އުގޫބާތުގެ ބިލުގެ މަސައްކަތް 17 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރަމުންދާތާ ހަތަރު އަހަރުވެއްޖެ އެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ދައުރުގައި ވެސް އާ ގާނޫނުލް އުގޫބާތެއް އެކުލަވާލުމުގެ މަސައްކަތް ކުރި އެވެ.