21 Apr 2013, 13:42
ރާއްޖޭގެ ދިފާއީ ބާރުގެ އަސްކަރީ ހޮސްޕިޓަލް "ސެނަހިޔަ" މެދުވެރިކޮށް އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލުންނާއި ނަވަލޯކާ ހޮސްޕިޓަލުން ބޭސްފަރުވާ ހޯދަން ދާ މީހުނަށް ޑިސްކައުޓް ލިބޭނެ އެއްބަސްވުމެއްގައި ސެނަހިޔައިން ސޮއި ކޮށްފި އެވެ.
މިއަދު ހެނދުނު ކޯސްޓްގާޑް ބިލްޑިންގުގައި ބޭއްވި ރަސްމިޔާތުގައި ކޮމާންޑިންސް އޮފިސަރު ޑރ. އަލީ ޝާހިދު ވިދާޅުވީ އެޕޯލޯ ހޮސްޕިޓަލާއި ނަވަލޯކާ ހޮސްޕިޓަލާ އެކު "ސެނަހިޔަ" ހޮސްޕިޓަލުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލު މެދުވެރިކޮށް ފަރުވާ ހޯދާ ދިވެހީނަށް " ވަރަށް ބޮޑު ޑިސްކައުންޓެއް" ލިބޭނެ ކަމަށާއި އަދި ތިބޭ ތަނުގެ ކުލީގައި ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ހަމަ އެންމެ އެ އެއްބަސްވުމާއި އެކު އެ ދެ ހޮސްޕިޓަލުން ފަރުވާ ހޯދަން ބޭނުންވާ މީހުނަށް އެޕޮއިޓްމަންޓްތައް ހަމަ ޖައްސަދިނުމާއި އެހެނިހެން ފަސޭހަތައް ސެނަހިޔަ މެދެވެރިކޮށް އާންމުނަށް ފޯރުކޮށްދެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ހުރިހާ އެންމެނަށްވެސް މި ފުރުސަތު ލިބިގެންދާނެ. އެމްއެންޑީއެފް އިތުރުން އާންމުނަށްވެސް މި ފުރުސަތު ލިބިގެންދާނެ. ހާއްސަކޮށްގެން އަޅުގަނޑުމެން ގެންނަ ސްޕެޝަލިސްޓުނަށް ވެސް ޖާގަ ހުރިވަރުން ދެއްކޭނެ. އަޅުގަނޑުމެން މެދުވެރިކޮށް ނަވަލޯކާއަށާއި އެޕޯލޯ ހޮސްޕިޓަލަށް ފޮނުވީމަ އެ ލިބޭ ޑިސްކައުންޓެއް ވެސް ލިބެމުންދާނެ. ކުރީބައިގައި އެމީހުނަށް އެނގޭނެ މި ވެނި ތަނަކަށް ގޮސްގެން މިވެނި ވަރެއްކަން ދާނީ. އެގޮތުން ދާނެ ހަރަދުތައް ވެސް އިނގޭނެ، "
އޭނާ ވިދާޅުވީ އެއިން ކޮންމެ ހޮސްޕިޓަކަށް ވެސް ދައްކަން ބޭނުންވާ އާންމުނަށް ސެނަހިޔައިގެ ކައުންޓަރުން އެކަމާއި ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސެނަހިޔައިން ދޭ ލިއުމަކާއި އެއިން ކޮންމެ ހޮސްޕިޓަލަށް ދިއުމުންވެސް އެކު ސިފައިންނެކޭ އެއްގޮތައް ޑިސްކައުންޓު އާންމުނަށް ވެސް ލިބޭނެ ކަމަށެވެ.
" އަޅުގަނޑުމެންގެ ސެނަހިޔަ ކައުންޓަރަށް އައީމަ އެޕޯލޯ މެދުވެރިކޮށް ނުވަތަ ނަވަލޯކާ މެދެވެރުކޮށް އެމީހުނަށް ދޭންވާ މައުލޫމާތެއް ދޭނަން. އަޅުގަނޑުމެން ދޭނަން އެމީހުނަށް އެމީން ރިކްއެސްޓް ކޮށްފިއްޔާ ސިޓީ ވެސް. އެ ސިޓީ ހިފައިގެން ދިޔައީމަ ހަމަ އާންމުނަށް ވެސް އަޅުގަނޑުމެނަށް ލިބޭ ޑިސްކައުންޓަރު ލިބޭނެ ،"
ޝާހިދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ސެނަހިޔައަށް ރާއްޖޭގެ ނެތް ހާއްސަ ބައެއް ޑޮކްޓަރުން އެޕޯލާއި ހޮސްޕިޓަލާއި ނަވަލޯކާއި ހޮސްޕިޓަލުން ފޮނުވަދޭނެ ކަމަށާއި އަދި ރާއްޖެއިން ނުލިބޭ ސިއްހީ ހިދުމަތް އެ އާންމުނަށް ހުޅުވާލައިގެން ދެމުންދާނެ ކަމަށެވެ.
އަދި ވިދާޅުވީ "ސެނަހިޔަ" އަކީ އެމްއެންޑީއެފް އާއި ފުލުހުންނަށް ހާއްސަކުރެވިގެން ފަރުވާދޭ ތަނެއްގެ ގޮތުގައި އޮތް ނަމަވެސް ކަސްޓްމްސްގެ މުވައްސަޒަފުނަކީވެސް އެތަނުން ފަރުވާ ހޯދޭނެ މީހުންގެ ގޮތުގައި މިއަދު ފެށިގެން ހަމަޖައްސާފައިވާ ކަމަށާއި ކުރިމަގުގައި ޔުނީފޯމް އެޅި ހުރިހާ މުވައްސަޒަފުނަކީވެސް ސެނަހިޔައިން ފަރުވާ ހޯދޭނެ ބައެއްގެ ގޮތުގައި ހިމެނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދު ވި އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފް ގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުނަށް އެ ދެ ހޮސްޕިޓަލުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހިލޭ ލިބޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ އެނދުނު ގިނަ ހޮސްޕިޓަލުގެ ގޮތުގައި ފާހަގަވެފައިވާ އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލުން ގިނަ ދިވެހިން ފަރުވާ ހޯދާއިރު ލަންކާގެ ނަވަލޯކާ ހޮސްޕިޓަލަކީ ވެސް ގިނަ ފަރުވާ ހޯދަމުންދާ ލަންކާގެ އެންމެ ރަނގަޅު އެއް ހޮސްޕިޓަލުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ހޮސްޕިޓަލެވެ.