އަންނަ އާއްދިތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 23 ވަނަ ގައުމީ ކަސްރަތު މުބާރާތުގައި ހަތް ކުލަބަކުން 13 ޓީމް ބައިވެރި ވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް މިއަދު ވިދާޅުވީ މިމަހުގެ 25ން 27އަށް މާލޭ ސިޓީގެ އެތުލެޓިކްސް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 ވަނަ ގައުމީ ކަސްރަތު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ ހަތް ކްލަބަކުން 13 ޓީމް ކަމަށެވެ.


މުބާރާތުގައި ބައިވެރިވެފައިވާ ހަތް ކްލަބަކީ މޭޑް ރަނަސް، ދިވެހި ސިފައިންގެ ކްލަބް، ޒިފިއަސް ސްޕޯޓްސް ކްލަބް، ކްލަބް އޯލް ސްޓާ، އެމް އެސް ހެލްޕިންހޭންޑް، ކްލަބް ރައިވެރިޔާ އަދި ޕޮލިސް ކްލަބެވެ.


މުބާރާތުގައި އަންހެން ފިރިހެން އެއްކޮށް އެތުލެޓިކްސްގެ ޖުމްލަ 23 އިވެންޓެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.