ގައުމީ ޔުނިވަސިޓީގެ ފަރާތުން އާންމުކޮށް ހުޅުވާލައިގެން "އިލްމީ ފޯވަހި"ގެ ނަމުގައި ސިލްސިލާ ސެމިނާއެއް ފަށައިފި އެވެ.

އިއްޔެ ފެށި އެ ސިލްސިލާގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އިލްމީ ބަހުސްތަކަށް ފުޅާދާއިރާއެއްގައި ފުރުސަތު ހުޅުވާލުމާއި އަދި މުހިންމު ގައުމީ މައްސަލަތަކާ މެދު މަޝްވަރާކޮށް ޚިޔާލު އުފެއްދުމާއި ޢިލްމު ކުރިއަރުވައި އިލްމީ ހަރަކާތްތަކަށް މުޖުތަމައުގެ ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް އެ ފޯވަހީގެ މަގުސަދެއް ކަމަށް ގައުމީ ޔުނިވަސިޓީން ބުނެ އެވެ.

އިލްމީ ފޯވަހީގެ މި އަހަރުގެ ސިލްސިލާ ކުރިއަށްދާނީ މި މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ކަމަށް ގައުމީ ޔުނިވަސިޓީން ބުނެ އެވެ.

އެ ޔުނިވަސިޓީން ބުނީ އެ ސިލްސިލާގައި ކޮންމެ މަހަކު ވެސް ޔުނިވަސިޓީގެ ފެކަލްޓީއެއް ނުވަތަ ސެންޓަރަކުން ތަފާތު މައުޟޫތަކަށް މައުލޫމާތު ހުށަހަޅާނެ ކަމަށެވެ. އެގޮތުން ޔުނިވަސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި އިއްޔެ އޮތް ސެމިނާގައި މައުލޫމާތު ދެއްވާފައި ވަނީ "އިސްލާމްދީނުގެ ލުއިފަސޭހަކަން" ގެ މައްޗަށެވެ. އެ މައުޟޫއަށް މައުލޫމާތުދެއްވީ އައްޝައިޚް އާދަމް ޝަމީމް އިބްރާހިމް އާއި އައްޝައިޚް އަލީ ޒާހިރު އަދި އައްޝައިޚް ހުސެއިން އަބުދުﷲ ސައީދެވެ. ސެމިނާ އަށް ދައުވަތު ދެއްވައިގެން އަދި އަދި އާންމުކޮށް ވަޑައިގެންނެވި ބޭފުޅުން މައުޟޫއާއި ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމާއި ސުވާލު ކުރުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ސިލްސިލާގެ ކުރިއަށް ހުރި ސެމިނާތަކުގެ ދާއިރާތަކުގެ ތެރޭ އިސްލާމީ ޝަރީއާ، ޖާނަލިޒަމް، އިގްތިސާދު، މެރިޓައިމް، އިންޖިނިއަރިން، އީ-ލާނިން، ސިއްހަތު އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ.