21 Apr 2013, 12:32
ވޯލްޑް ޓްރެވަލް އެވޯޑްސް ފަދަ މުހިއްމު ބޮޑު އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެ އަށް އަލަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ އިވެންޓް ބޭސްޑް ޓޫރިމަށް މަގު ފަހިވާނޭ ކަމެއް ކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީގެ ނާއިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2013، އިންޑިޔަން އޯޝަން ކެޓަގަރީ"އާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރު) އިން ވެލާނާގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، މީޓިންގްސް، އިންސެންޓިވްސް، ކޮންވެންޝަންސް، އެންޑް އެގްޒިބިޝަންސް (މައިސް) ޓޫރިޒަމަކީ، ޓޫރިޒަމާއި ރާއްޖޭގެ މުޅި އިގްތިސާދަށް އޭގެ މަންފާ ކުރާނޭ ކަމެއް ކަމަށެވެ.
"އަޅުގަނޑު ދެކެނީ، ވޯލްޑް ޓްރެވަލް އެޑްވޯޑްސް ފަދަ ދުނިޔޭގެ ނަން މަޝްހޫރު އިވެންޓެއް ރާއްޖޭގައި ބޭއްވުން ވެގެންދާނީ، ދިވެހި ރާއްޖެއްއަށް މިދެންނެވި އިވެންޓް ބޭސްޑް ޓުރިޒަމަށް މަގުފަހިވެގެން ގޮސް، މުސްތަގުބަލުގައި މިފަދަ ގިނަ އިވެންޓުތަކެއް ރާއްޖެ އައިސް އެކަމުގެ ހެޔޮ މަންފާ ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށާއި މުޅި ރާއްޖޭގެ އިގްތިސާދަށް އެކަމުން ކުރާނޭ ކަމެއްގެ ގޮތުގައި،" މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ އާންމު ގޮތެއްގައި ހަނީމޫނަށް އަންނަ މީހުންނާއި ރާޅާއަޅަން އަންނަ އަދި ޑައިވިން މާކެޓެއްގެ ގޮތުގައި ތައާރަފްވެފައިވާ މިރާއްޖޭގައި ގިނަ އިވެންޓުތަކެއް ބޭއްވޭ ނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މުޅި އަހަރު ދުވަހުގެ ތެރޭގައި ވެސް އެއް މިނެއްގައި ހިފެހެއްޓުމަށް މަގު ފަހިވެގެންދާނޭ ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމްށް 40 އަހަރު ފުރިގެންދާ އިރު އެންމެ މައިގަނޑު ގޮތެއްގައި ދިވެހި ރާއްޖެ އަށް މި އަންނަނީ، ހަނީމޫނާސް. އޭގެ އިތުރުން، ޑައިވިން މާކެޓް ސެގްމެންޓް އެބަ އާދޭ. ސާފަރުން އެބަ އާދޭ. މިފަދަ ގިނަ އެކިއެކި މާކެޓް ސެގްމެންޓްތައް އެބައާދޭ. އެހެންވީމާ ރާއްޖޭގެ އޮކިއުޕެންސީ ރަނގަޅު މިނެއްގައި އަބަދަވެސް ހިފެހެއްޓުމަށް ޓަކައި ގިނަ އަދަދެއްގެ އިވެންޓުތަކެއް ނޫނީ ތަފާތު ޓޫރިޒަމް ސެގްމެންޓުތައް އަންނަ ކަމަށް ވަންޏާ މުޅި އަހަރު ތެރޭގައި އަޅުގަނޑުމެންގެ އޮކިއުޕެންސީ އެއްމިނެއްގައި ހިފެހެއްޓި، ރާއްޖޭގެ ރިސޯޓުތަކަށް އޭގެ ފައިދާ ކުރާނެ،" މަލީހު ވިދާޅުވި އެވެ.
އާންމު ގޮތެއްގައި މައިސް ޓޫރިޒަމަކީ ބޮޑެތި ކޮންވެންޝަންތައް ބޭއްވުން ކަމުގައިވީ ނަމަވެސް ރާއްޖެފަދަ "ލަގްޒަރީ" މަންޒިލެއްގެ ގޮތުގައި ތައާރަފް ކުރެވިފަވާ ތަނެއްގައި ކުދި އިވެންޓުތަކެއް ބޭއްވުން ވެގެންދާނީ ދިވެހިރާއްޖޭގެ ޕްރޮފައިލް އަދި މިހާރަށް ވުރެ ވެސް މާބޮޑަށް އުފުލިގެން ދާނޭ ކަމެއް ކަމަށް މަލީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިރާސާކޮށް ބެލައިލި އިރު އޭޝިޔާ ރީޖަންގައި މިދެންނެވި ބާވަތުގެ ގާތްގަނޑަކަށް 2000 ވަރަކަށް އިވެންޓު އެބަ ބޭއްވޭ. އެހެންވީމާ މީގެ ތެރެއިން އެންމެ ޕަސެންޓެއް ދިވެހިރާޖެ އަށް އަޔަސް އޭގެ މާނައަކީ، މުޅި އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ވިއްސަކަށް އިވެންޓު ރާއްޖޭގައި ބޭއްވިގެން ދާނޭ،" މަލީހު ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި އިވެންޓް ބޭސްޑް ޓޫރިޒަމް އިންޑަސްޓްރީއަކީ 2012 ވަނައަހަރަށް ބެލިކަމުގައިވީ ނަމަވެސް ގްލޯބަލް ބިޒްނަސް ޓްރެވަލް އިންޑަސްޓްރީ ކަމަށާއި އެގޮތުން އެ އިންޑަސް ޓްރީއަކީ "އެއް ޓްރިލިޔަން" ޑޮލަރުގެ އިންޑަސްޓްރީއެއް ކަމަށެވެ. އެހެން ކަމުން އެއް ޓްރިލިޔަން ޑޮލަރުގެ އިންޑަސްޓްރީއަކަށް އަޅުގަނޑުމެން މަގުފަހިކޮށް ގެނައުމަށްޓަކައި މަސައްކަތް ނުކޮށްތިބުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށެވެ.
ބޭރުގެ ބޮޑެތި މީޑިޔާތައް އައިސް ކަވަރު ކުރާ، ވޯލްޑް ޓްރެވަލް އެވޯޑްސް ފަދަ ކުލަގަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުން އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމަށް ބެލެވޭ އިރު ބޭރުދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުން ކުރާ "ސަނީސައިޑް އޮފް ލައިފް" ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާނޭކަމަށް މަލީހު ވިދާޅުވި އެވެ.