21 Apr 2013, 12:28
ޖެމެއިކާގެ ކިންގްސްޓަންގައި ބޭއްވުނު "ޔޫޓެކް ކްލެސިކްސް 2013"ގެ 200މީޓަރު އިންވިޓޭޝަނަލް ދުވުމުގެ ފަސް ވަނަ ހީޓްގައި ވާދަކުރި ރާއްޖޭގެ ހަސަން ސާއިދު އެއް ވަނަ ހޯދައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ޖެމެއިކާގައި ކުރިއަށްދިޔަ އެމުބާރާތުގައި ސާއިދު ފަސް ވަނަ ހީޓުން އެއް ވަނަ ހޯދީ 22.16ސިކުންތުން ދުވުން ނިންމައިގެންނެވެ.
އަދި މީގެ އިތުރުން ޖުމްލަ 39 އެތުލީޓުން ހަ ހީޓްގައި ވާދަކުރި އެ އިވެންޓުން ސާއިދު ގޮސްފައިވަނީ 12 ވަނަ އަށެވެ.
އެމުބާރާތުގައި ރާއްޖޭގެ އަޒްނީމް އަހުމަދު ވާދަކޮށްފައިވަނީ 100 މީޓަރު އިންވިޓޭޝަނަލް ދުވުމުގެ ހަތް ވަނަ ހީޓްގައެވެ. އަޒްމީން އެ ހީޓް ނިންމާފައި ވަނީ 11.01ސިކުންތުން ހަ ވަނަ އަށެވެ. އަދި މީގެ އިތުރުން 52 އެތުލީޓުން އަށް ހީޓްގައި ވާދަކުރި އިވެންޓުން އަޒްނީމް ގޮސްފައިވަނީ 30 ވަނަ އަށެވެ.
އަޒްނީމަކީ އެންމެ ފަހުން ލަންޑަނުގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް އިވެންޓުގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓެވެ.
އަދި ސާއިދަކީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯސަން ގޭމްސްގައި ވެސް ރާއްޖެ ތަމްސީލު ކުރި އެތުލީޓެކެވެ. އެގޮތުން އެ ފަހަރުގެ 100 މީޓަރުގެ ފުރަތަމަ ހީޓްގައި ސާއިދު އަށް ރޭސް ނިންމާލެފައި ވަނީ 11.22 ސިކުންތުންނެވެ.