21 Apr 2013, 12:23
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު ޕްރޮޖެކްޓްތަކެއް މި އަހަރުގެ ތެރޭގައި ކުރިއަށް ނުގެން ދިއުމަށް ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާ ކަމަށް އުމުރާނީ މަސައްކަތްތައް ކުރަމުންދާ ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދިއުމަށް ފިނޭންސް މިނިސްޓްރީ އިން ހައުސިން މިނިސްޓްރީ އަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ދައުލަތަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދައި ނުދެނީސް އެއްވެސް މަޝްރޫއެއް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ނުހިންގުމަށް ފިނޭންސް އިން އަންގާފައިވާ ކަމަށެވެ.
"ފިނޭންސް އިން އަޅުގަނޑަށް އަންގާފައި ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު އެއްވެސް ރަށެއްގެ އުމުރާނީ ތަރައްގީގެ އެއްވެސް މަސައްކަތެއް ނުފެއްޓުމަށް. ސޮއިނުކުރުމަށް މީގެފަހުން، ރައްޔިތުން މަޖިލީހުން ސަރުކާރަށް އާމުދަނީ ހޯދައިދޭނެ އިތުރު ގޮތްތަކެއް ފާސް ނުކޮށްދޭ ނަމަ އިތުރު އެއްވެސް މަޝްރޫއެއް ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ބަނދަރުހެދުން ކަމުގައި ވިޔަސް ބިންހިއްކުން ވިޔަސް ނޫނީ ހައުސިން މިނިސްޓްރީ އިން ހިންގާ އެއްވެސް މަސްރޫއެއް މި މިނިސްޓްރީ އިން ނުފެއްޓުމަށް ފިނޭންސް އިން ވަނީ އަންގާފައި،" ޑރ. މުއިޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުން އެނގޭ ކަމަކީ ގައުމުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިވާ ކަން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން ދައުލަތަށް އާމުދަނީ ލިބޭނެ އިތުރު ގޮތްތައް ހަމަޖައްސައި ނުދޭހާ ހިނދަކު އެކިއެކި އެހީތަކުން ހިނގާ ޕްރޮޖެކްޓްތައް ފިޔަވައި އިތުރު އެހެނިހެން ޕްރޮޖެކްޓްތައް މެދުކެނޑިގެން ދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދިއުން އެއީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމާފައިވާ ނިންމުމެއް ކަމަށާއި ނަމަވެސް އެކަން އަދި ރަސްމީ ސިފައެއްގައި ނާންގާ ކަމަށެވެ. އަދި ބަޖެޓްގެ ތާށިކަމެއް އުޅޭ ކަމަށާއި އަދި އިތުރު ޕްރޮޖެކްޓްތައް ސަރުކާރުގެ ބަޖެޓުން ކުރިއަށް ނުގެންދިއުމަށް ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިތުރު އާމްމުދަނީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ހަރަދު ކުޑަކުރުމަށް މިނިސްޓުރީ ތަކަށް އަންގާފައިވާ ކަމަށެވެ.