އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރު އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ހެދެން ދެން، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އެއް އަހަރަށް އިތުރު ކުރަން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ނިންމައިފި އެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަކީ ގާނޫނަކުން ގަވާއިދު ހެދުމުގެ ބޭރު ލިބިގެން ނޫން ގޮތަކަށް ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ދައުލަތުގެ ހިންގުމުގެ ނިޒާމް ކުރިއަށް ގެންދިއުމަށާއި އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަށާއި ގާނޫނު ތަންފީޒު ކުރުމުގެ މުހިއްމު ގަވާއިދު ކަނޑައަޅައި އެ ގަވާއިދުތައް ހިންގުމަށް ވަގުތީ ގޮތުން ބާރު ލިބިދިނުމަށްޓަކައި އެކަށައަޅާފައިވާ ގާނޫނެކެވެ.

އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެ އެވެ. ގާނޫނީ ބާރު ލިބިދީފައިވާ 83 ގަވާއިދުތަކުގެ ތެރެއިން އެ ގާނޫނުގެ ދަށުން މިހާރު އަމަލު ކުރަމުންދަނީ 40 ގަވާއިދު ކަމަށް އާންމު ކޮމެޓީން ބުންޏެވެ.

އެ ގާނޫނުގެ ދަށުން މިހާރު އަމަލު ކުރަމުންދާ ގަވާއިދުތަކަކީ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދާއި ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެވެ.

ގަވާއިދު ކޮމެޓީގެ މުގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ އާންމު ގަވާއިދުތަކުގެ ގާނޫނުގެ މުއްދަތު އިތުރުކޮށްދެނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަށް ކަމަށެވެ. އަދި ކޮމެޓީން ނިންމުގެ ގޮތުގެ ރިޕޯޓް މިހާރު ތަޅުމަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު އާންމު ގަވާއިދުތަކުގެ ގާނޫނުގެ މުއްދަތު މިފަހަރު އެއް އަހަރު ދުވަހަށް އިތުރުކޮށްދޭ އިރު އެ ގާނޫނުގެ ދަށުން ބާރު ލިބެދޭ ގިނަ ގަވާއިދު ތަކެގެ ބިލް ވަނީ މަޖިލީހަށް ހުށަހެޅި ކޮމެޓީ މަރުހަލާ ވެސް ނިމުމުގެ ހިސާބުގައިވާ ކަމަށެވެ. އެގޮތުން އާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ބާރު ލިބިދީފައިވާ ޖިނާއީ އިޖުރާތުގެ ބިލާއި ގާނޫނުލް އުގޫބާތާއި އަދި ހެއްކާއި ބެގޭ ބިލް ވަނީ ކޮމެޓީ މަރުހަލާ ނިމި ތަޅުމަށް ފޮނުވުމުގެ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަހަމަދު ވިދާޅުވީ އާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގާނޫނުތައް ހަދައި ނިންމާފައިވާ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީ ތަކުގެ ގޫނުނު އޭނާ ފާހަނގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މިހާރު އެ ގާނުނުގެ ދަށުން ބާރު ލިބިދޭނީ ވަރަށް މަދު ގަވާއިދުތަކަށް ކަމަށާއި އެއީ ގާތްގަޑަކަށް 40 ގަވާއިދު ކަމަށެވެ.

އާންމު ގަވާއިދުތަކުގެ ގާނޫނުއަށް އެއް އަހަރު އިތުރު ކުރުމަށް ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އެގަތަށް ކޮމެޓީން ނިންމާފައި ވަނީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު ބިޝާމް ވިދާޅެފައި ވަނީ އާންމު ގަވާއިދުތުތަކުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގާނޫނުތައް ޑްރާފްޓު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.