21 Apr 2013, 11:52
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލާގައި އޭސީސީން ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރު ފުވައްމުލަކު، ފެހިއަލި، އިބްރާހިމް ފިކުރީ ހުސެއިން އާއި ފުވައްމުލަކު، ކައުންސިލްގެ ކުރީގެ މެމްބަރު ހަސަން ސަޢީދުގެ މައްޗަށެެވެ.
އޭސީސީން ބުނީ 2002 ވަނަ އަހަރު އިބްރާހިމް ފިކުރީއަށް ފުވައްމުލަކުން 3200 އަކަފޫޓުގެ ގޯއްޗެއް ލިބިގެން އެ ގޯތި އޮތް ސަރަހައްދާ މެދު ހިތްހަމަނުޖެހިގެން އެގޯތި ދޫކޮށްލާފައި ވަނިީ އެގޯއްޗަށް ކުރަން ޖެހޭ އިތުުރު މަސައްކަތްތަކުގެ ސަބަބުން އަމިއްލަ އިތުތިޔާރުގައި ކަމަށެވެ. އަދި އެއަށް ފަހު 2006 ވަނަ އަހަރު އާއްމު އުސޫލެއްގެ ގޮތުން އެ ރަށުގެ މީހުންނަށް ގޯތި ދޫކުރި ބުރުގައި 1400 އަކަފޫޓުގެ ގޯއްޗެއް އިބްރާހިމް ފިކުރީ ހަސަންއަށް ނަގައިދީފައީވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ 1400 އަކަފޫޓުގެ އެ ގޯތި 3200 އަކަފޫޓުގެ ގޯއްޗަކަށް ބަދަލުކުރުމަށް ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފޮނުވާފައިވާ ހުރިހާ ސިޓީއެއްގައި ސޮއިކޮށްފައި ވަނީ އިބްރާހިމް ފުކުރީ ކަމަށާއި އެ ދުވަސްވަަރު ފުވައްމުލަކު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވީ ހުދު އޭނާ ކަމަށެވެ. އަދި އެކަމުގައި ފިކުރީ އޭނާގެ އަމިއްލަ މަސްލަހަތަށް ވަރަށް ބޮޑަށް އިސްކަންދީފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެ މައްސަލާގައި ހަސަން ސައީދުގެ މަށްޗަށް ދައުވާކުރުމަށް ދައުލަތުން ހުށަހަޅަފައި ވަނީ 3200 އަކަފޫޓުގެ ގޯޗެއް ހަމަޖެއްސުމަށް އަތޮޅު ކައުންސިލުން ފޮނުވި ހުރިހާ ސިޓީއެއްގައި ސޮއިކޮށްފައި ވަނީ ހަސަން ސައީދު ކަމުގައިވާތީ އެވެ.