21 Apr 2013, 11:46
ހަތަރު ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް 124 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި އެވެ.
ހައުސިންގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަދުހަމް އަބްދުﷲ އެވެ. އެއެއްބަސްވުމުގެ ދަށުން ބަނދަރު ހަދާ ހަތަރު ރަށަކީ ހއ. ވަށަފަރާއި ގއ. ކޮނޑޭގެ އިތުރުން ގއ. ކަނޑުހުޅުދޫ އާއި ލ. މާބައިދޫ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ހައުސިންގް މިނިސްޓަރު ވިދާޅުވީ އެ ހަތަރު ބަނދަރަކީ ވެސް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާ ހަތަރު ބަންދަރު ކަމަށެވެ. އަދި ބަނދަރު ހެދި ވީހާ ވެސް އަވަހަކަށް އެ ބަނދަރުތަކުގެ ފަސޭހަކަން ރައްޔިތުނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
އެ އެއްބަސް ވުމުގެ ދަށުން ގއ. ކޮނޑޭގައި ހެދުމަށް ނިންމާފައި ވަނީ 300 ފޫޓް ދިގު 200 ފޫޓު ފުޅާ 25.8 މިލިއަން ރުފިޔާގެ ބަނދަރެކެވެ. އެބަނދަރުގެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ މި އަހަރުގެ މޭމަހުގެ ތެރޭގަ އެވެ. އަދި ހއ. ވަށަފަރުގައި 500 ދިގު ފުޅާ އަދި 200 ފޫޓް ފުޅާ ބަނދަރެއް ހެދުމަށް ނިންމާފައިވާ އިރު އެއީ 36 މިލިއަން ރުފިޔާގެ ޕުރޮޖެކްޓެކެވެ. އަދި ލ. މާބައިދޫގައި 700 ފޫޓް ދިގު 260 ފޫޓް ފުޅާ ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފެށުމަށް ހަވާލުކޮށްފައިވާ އިރު އެއީ 41.8 މިލިއަން ރުފިޔާގެ ޕުރޮޖެކްޓެކެވެ. އަދި ގއ. ކޮނޑޭގައި 20.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން އެ ރަށު ބަނދަރު މަރާމާތް ކުރުމަށް ނިންމާފައިވާ އިރު އެ މަސައްކަތް ފެށުމަށް ނިންމަފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް އެ މަސައްކަތްތައް ފަށާ ދީފައިވާ ތާރީހުގެ ކުރިން މަސައްކަތްތައް ނިންމުމަށް ކަމަށެވެ.