މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ގއ. ގެމަނަފުށީގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ އެރަށު މެޖިސްޓްރޭޓް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ގެމަނަފުށީ ހިލިހިލާ ސްޓޯރު ކުރިމަތިން ޕޮލިސް ލާންސް ކޯޕްރަލް އިސްމާއިލް ޝަފީގު (އިއްސޭ) އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފައި ވަނީ އެރަށު އެދުރުގޭ ނިޔާމް މުހައްމަދު އާއި އެރަށު ނޫރުއްސަބާހު އަހްމަދު ނާދީ ސަލީމްގެ މައްޗަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ މީހަކު މަރާލެވިދާފަދަ އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން އިއްސެއާ މެދު މާރާމާރީ ހިންގާފައި ވަނީ ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތަށް އެ ދެ މީހުން ރަށުތެރޭގައި ސައިކަލް ދުއްވާތީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ޝަކުވާ ހުށަހަޅަމުންދިއުމުގެ ސަބަބުން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމުން ކަމަށެވެ.

އިއްސެއަށް ހަމަލާދިނުމަށް ފަހު އޭނާގެ ދެ ކޮށްކޮ ކަމަށްވާ އެ ރަށު، ދިލްބަހާރުގޭ އަހުސަން އަބްދުﷲ 24، އާއި އަހުމަދު އަފްސަލް 19، ގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.