ރާއްޖޭގެ ނޫސްވެރިކަމަށް "ސޮލިޑް ކުރިއެރުމެއް" ލިބިފައިވާ ކަމަށާއި ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން އެއް ދަރަޖަ ދަށަށް ގޮސްފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް [އާރުއެސްއެފް] އިން ބުނެފި އެވެ.


އެ ޖަމިއްޔާ އިން ބުނި ގޮތުގައި މިހާރު ރާއްޖޭގެ މިންގަނޑަކީ ދުނިޔޭގެ ނިސްބަތުން 52 އެވެ. ކުރީ އަހަރު އެ ނިސްބަތް އުޅުނީ 51 ގަ އެވެ.


އާރުއެސްއެފުން ބުނެފައި ވަނީ ރާއްޖޭގެ ސަރުކާރުން "ނޫސްވެރިކަމުގެ މިނިވަން ކަމަށް އިހުތިރާމް ކުރާ" ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ ނޫސްވެރިކަމުގެ މިންގަނގު އުޅެނީ ދެކުނު އޭޝިޔާގެ އެންމެ ކުރީގަ އެވެ.


ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރެފައިވާ މި އަހަރުގެ ރިޕޯޓަށް ސަރުކާރުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ފަރާތްތަކުން އުސޫލެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް "ގަދަތުކުރާ ކަމަށް" އެ ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ.


ރާއްޖޭގެ މިންގަނޑު 129 ގައި އޮތުމަށް ފަހު 2007 ވަނަ އަހަރު 104 އަށް މައްޗަށް ޖެހުނެވެ. އަދި 2008 ވަނަ އަހަރު 51 އަށް މައްޗަށް ޖެހުނެވެ.