21 Apr 2013, 11:05
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އދ.މަހިބަދޫ ދިލްދާރުގޭ އިބްރާހީމް މުއީންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ކޮޓަރީގައި އުޅެނިކޮށް އެކޮޓަރިއަށްވަދެ ދޮރުތަޅުލުމަށްފަހު އެކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވާ ކަން ޝަރީއަތަށް ސާބިތުވުމުން ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.