21 Apr 2013, 10:39
ރެލިގޭޝަނުން ސަލާމަތްވުމަކީ ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) އަށް ވާނެކަމެއް ނޫން ކަމުގައި އެކްލަބުގެ ކޯޗް ހެރީ ރެޑްނެޕް ބުނެފި އެވެ. ރެޑްނެޕް މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ސްޓޯކް އަތުން 2-0 ލަނޑުން ކިޔުޕީއާރު ބަލިވި މެޗަށް ފަހު އެވެ.
ކިޔުޕީއާރާއި ދެކޮޅަށް ކުޅުނު މެޗުގައި ސްޓޯކްއަށް ލަނޑުތައް ކާމިޔާބުކޮށް ދިނީ ޕީޓާ ކްރައުޗް އާއި ޖޯން ވޯލްޓާސް އެވެ. ރެލިގޭޝަނުގެ ބިރުވެރިކަމުގައި މިވަގުތު ލީގުގެ ނަވާރަ ވަނާގައި އޮތް ކިޔުޕީއާރަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެ ރެލިގޭޝަންގެ ބިރުން ސަލާމަތްވެ އޮތް އެސްޓަން ވިލާއާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ކިޔުޕީއާރަށް މިސީޒަނުގެ ބާކީ ހުރި މެޗުތަކުން މޮޅުވި ނަމަވެސް ލިބޭނީ ބާރަ ޕޮއިންޓެވެ.
"ރެލިގޭޝަނުން ސަލާމަތްވުމަކީ ދެން ނުވާނެކަމެއް. ސްޓޯކް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން. އަހަރެމެންނަށް ދެއްކެން އޮތް އެންމެ މޮޅު ކުޅުން ދެއްކިން. އަހަރެމެންނަށް ދެ ކުޅުންތެރިއެއް ގެއްލިގެންދިޔަ. އަނިޔާގެ ސަބަބުން އަޑެލް ތާރަތް އާއި އަންދްރާސް ޓައުންސެންޑް ނެތުމުން ޓީމްގެ ފަރާތުން އެކަން ފެނިގެންދިޔަ." ރެޑްނެޕް ބުންޏެވެ.
ކިޔުޕީއާރުގެ ކޯޗް ރެޑްނެޕް އިތުރަށް ބުނިގޮތުގައި، އަންނަ ސީޒަނުގައި ކްލަބާއެކު ހުންނާނެ ކަމަށާއި އެކްލަބު އަލުން ޕްރެމިއާ ލީގަށް އެނބުރި ގެނައުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.
"މިއީ އުނދަގޫކަމެއް. ހަޔާތަކީ އަބަދު މަޖާކުރުމެއް ނޫން. އަހަރެން ޓީމާއެކު ހުންނާނަން. އެހެންނޫނަސް އަހަރެން ކޯޗުކަމުން ދުރުވެ ކޮންކަމެއް ކުރާނީ. އޭރަށް އަހަރެންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ ގޮލްފް ކުޅުން." ރެޑްނެޕް ބުންޏެވެ.
ކިޔުޕީއާރު ދެން ނުކުންނަން ޖެހޭނީ އެންމެ ފުލުގައި އޮތް ރީޑިންގް އާއި ދެކޮޅަށެވެ. ނަމަވެސް ދެޓީމަށް ވެސް ލިބިފައި ވަނީ 24 ޕޮއިންޓެވެ. އޭޕްރީލް 28 ވަނަ ދުވަހު ރީޑީންގްގެ ދަނޑުގައި ކުޅޭ މިމެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 5:30 ގައެވެ.