21 Apr 2013, 10:06
ކަސްޓޯޑިއަލް ރިސެޕްޝަން އެންޑް ޑައެގްނޯސްޓިކް ސެންޓާ (ސީއާރުޑީސީ) ގެ އިންޓަ ޕުލެޓޫން ފުޓްސަލް މުބާރާތް މާލޭ ޖަލުގެ ގޯތި ތެރޭގައި އިއްޔެ ފަށައިފި އެވެ.
ސީއާރުޑީސީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބާއްވާ އެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ފަސް ޓީމެއް ވާދަކުރާ ގޮތަށެވެ. އެ ފަސް ޓީމަކީ ހަތަރު ޑިއުޓީ ޝިފްޓްގެ ޓީމުތަކާއި މެނޭޖުމަންޓުގެ ޓީމެކެވެ. އެއީ އެފްސީ ޕޮޒިޓިވް (އަލްފާ ޝިފްޓް)، އެފްސީ އޯކޭ (ބްރާވޯ ޝިފްޓް)، ސީއެފްސީ (ޗާލީ ޝިފްޓް)، އެފްސީ ފުރުޓީޒް (ޑެލްޓާ ޝިފްޓް) އަދި އެފްސީ ޝޫޓާޒް (މެނޭޖުމަންޓް) އެވެ.
އިއްޔެ ހަވީރު މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އެވެ. އެ މެޗުގައި ބައްދަލުކުރީ އެފްސީ ފުރުޓީޒް އާއި އެފްސީ ޕޮޒިޓިވް އެވެ. މިމެޗު 5 - 0 އިން ކާމިޔާބުކުރީ އެފްސީ ޕޮޒިޓިވް އެވެ. މެޗުގެ މެން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގައި 4 ލަނޑު ޖެހި އެފްސީ ޕޮޒިޓިވްގެ ހުސައިން ޝާމް އެވެ.
ސީއާރުޑީސީއިން ބުނީ އެ މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ފުރަތަމަ ބުރު ކުޅުމަށްފަހު، ދެވަނަ ބުރުގައި އެންމެ މޮޅު ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށް ކަމަށެވެ. މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭ ޖަލުގެ ގޯތި ތެރޭގަ އެވެ.