21 Apr 2013, 10:03
އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެއްކުރި ފައިސާ މަލީޝާ ހައްޖު ގުރޫޕަށް ދެއްކީ ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށްޓަކައެވެ. ނަމަވެސް ކަންވީ އެހެންނަކުން ނޫނެވެ. އެތައް މިލިއަން މުސްލިމުންނެއް މިދިޔަ އަހަރު މާތްވެގެންވާ އަރަފާތު ބިމަށް އެއްވެ ހައްޖުގެ މާތްއަޅުކަން އަދާކުރިއިރު މަލީޝާ ހައްޖު ގުރޫޕަށް ފައިސާ ދެއްކި ފަރާތްތަކުން ތިބީ މާޔޫސްވެފަ އެވެ. ހައްޖަށް ގެންދާނެ ކަމަށް ބުނެ އެ ޖަމާއަތުން އޮޅުވާލީމަ އެވެ. "ހިޔާނާތް" ތެރިއެއްގެ "މަކަރާއި ހީލަތު"ގެ ދަލުގައި ޖެހި އުއްމީދުތައް ވިއްސިވިހާލިވީމަ އެވެ.
"މަންމަ އާއި ބައްޕަ އަޅުގަނޑުމެން ހަދާން ހުންނާން ފެށީއްސުރެ ވެސް އަބަދުވެސް ކިޔާނެ ހައްޖަށްދާ ވާހަކަ، އެ ދެ މީހުން މިއަދު އެ ތިބީ ގައި ބާރު ދަށްވެ މުސްކުޅިވެފައި. މިދިޔަ އަހަރު ހައްޖަށް ދެ މީހުން ފޮނުވުމަށް ފައިސާ ދެއްކީއްސުރެ ދެ މީހުން ވެސް ދިޔައީ އުފަލާއެކު ހައްޖަށް ދިއުމަށް ތައްޔާރުވަމުން، ނަމަވެސް އެމީހުންގެ މަކަރުގައި ޖެހުނު ވާހަކަ ބުނުމާ އެކު އެ ދެ މީހުންނަށް ވެސް ވަނީ ބުނަން ނޭންގޭ ވަރުގެ މާޔޫސްކަމެއް ލިބިފައި،" މިދިޔަ އަހަރު މަލީޝާ ހައްޖު ޖަމާއަތަށް ފައިސާ ދެއްކި ދެމަފިރިއެއްގެ ދޮށީ ފިރިހެން ދަރިފުޅު، އިބުރާހިމް ރަޝީދު ބުންޏެވެ.
މަލީޝާ ގްރޫޕަށް 134000ރ. އެ އާއިލާއިން ވެސް ދެއްކީ ލިބޭ މަދު މުސާރަކޮޅާއި ބައްޕައަށް 65 އަހަރުވުމުން ލިބޭ 2000ރ. ރައްކާކޮށްފައި ބަހައްޓައިގެންނެވެ. އޭގެ ސަބަބުން އެ މީހުން އަދި ކުރަން ޖެހޭ ހިތާމަ ބޮޑެވެ. ހައްޖަށް ނުގެންދިޔަތާ އެ ފައިސާ ލިބޭނޭ ކަމުގެ ޔަގީންކަން ވެސް ނެތެވެ. އަދި އެ އަދަދަށް ފައިސާ ރައްކާ ކުރަން ވެސް އަދި އިތުރު އަހަރުތަކެއް ނަގާއިރު މުސްކުޅި އުމުރުގައި ދުވަސްތައް ގުނަންޖެހޭތީ އެވެ.
ޖަމާތް ހަދައިގެން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ފެށި މަޝްހޫރު އަތަމާ ހައްޖު ގްރޫޕްގެ ވެރިޔާ އަތަމާ އަބްދުއްލަތީފުގެ ދަރިކަލުން، އިސްމާއިލް އަބްދުއްލަތީފު އިސްކޮށް ހުންނެވި މަލީޝާ ހައްޖު ޖަމާއަތުގެ މަކަރާއި ހީލަތުގައި ވަނީ ޖުމުލަ 175 މީހެއް ޖެހިފަ އެވެ. އަދި އޭނާ ވަނީ ހައްޖަށް ގެންދާނެ ކަމަށް ބުނެ އެ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނަގައިފަ އެވެ. އަދި މަލީޝާ ވެރިޔާ އިސްމާއިލް އަބްދުއް ލަތީފު ވަނީ އެ ފައިސާތައް ހިފައިގެން ރާއްޖެ ވެސް ދޫކޮށް ފިލައިފަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރު ކުރުމުގެ ކޯޓު އަމުރު ވެސް ހޯދި އިރު އޭނާ ފުލުހުން ހައްޔަރުކުރީ އޭގެ ދުވަސްތަކެއް ފަހުން ސްރީލަންކާއިންނެވެ. އަދި އޭގެ ފަހުން އޭނާ ރާއްޖެ ގެނެސް ފުލުހުން އެ މައްސަލަ ތަހުގީގްކޮށް އެމައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު މިހާރު އޭނާ ހުރީ ގޭގަ ބަންދުގަ އެވެ. އަދި މިހާތަނަށް އޭނާގެ މައްޗަށް ޝަރީއަތެއް ހިންގާފައިނުވާއިރު ހައްޖަށް ދިޔުމުގެ އުންމީދުގައި އުމުރު ދުވަހުން އެއްކުރި ފައިސާދެއްކި ފަރާތްތަކުން ތިބީ މާޔޫސްކަން މަތީ ރޮއެރޮ އެވެ.
މަލީޝާ ގުރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ ހައްޖުގެ އަޅުކަން އަދާކުރުމަށް ކެތްމަދުވެފައިވާ މީހުންނެވެ. ދީނާ ގުޅުން ހުރި މާތް އަޅުކަމެއްގައި ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަށް އެ މީހުން ކުރިއަކުން ހީވެސް ނުކުރެ އެވެ. އެމީހުންގެ އަތުގައި މިހާރު ހުރިހާ ވެސް އެއްޗަކީ މިދިޔަ އަހަރު ހައްޖަށް ދިއުމަށްޓަކައި ފައިސާ ދެއްކި ކަމުގެ ލިޔުމާއި ހައްޖު ކާޑާއި ވެކްސިން ފޮތެވެ. އެ އޮފީސް ހިންގި ތަނުގެ ނަންބޯޑު ވެސް ނެތް އިރު އެ މީހުން ދަނީ މާޔޫސްކަންމަތީ އަތަމާ ހައްޖު ގުރޫޕު ހިންގާ މ. މެޑޯޒު ކައިރިއަށް އެއްވެ ޝުއޫރުފާޅުކުރަމުންނެވެ. ނަމަވެސް އެކަމަކުން ވެސް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ.
"އަޅުގަނޑަކީ ދަރިޔަކުގެ އަޅައިލުމެއް ލިބޭ މީހެއް ނޫން، މިއީ އަޅުގަނޑު އެކަނި ބުރަ މަސައްކަތްކޮށްގެން އެއްކުރި ފައިސާ، ޖުމުލަ 67500ރ. އަޅުގަނޑު ހައްޖަށް ދިއުމަށް މަލީޝާ ގުރޫޕަށް ދެއްކިން، މިދިޔަ އަހަރު އަޅުގަނޑުމެން ހައްޖަށް ނުގެންދިޔަތާ ލާރިކޮޅު ވެސް ހިފައިގެން އޭނަފިލީ، މިއަދު އޭނަ އެ އޮތީ ގޭގަ އާއިލާއާއެކު، އަޅުގަނޑުމެން މިތިބީ މަގުމަތިވެފަ،" ހައްޖަށް ދިއުމަށް މަލީޝާ ގުޕޫޕަށް މިދިޔަ އަހަރު ފައިސާ ދެއްކި އުމުރުން 55، އަހަރުގެ މީހަކު ފެންކަޅިވެފައި ހުރެ ބުންޏެވެ.
މަލީޝާ ހައްޖު ޖަމާއަތުގެ މަކަރު ގައުމީ ބޮޑު މައްސަލައަކަށްވީ އިރު ހިތާމައަކީ މިއަދާ ހަމައަށް އެ މީހުނަށް އެއްވެސް އަލި މަގެއް ފެނިފައިނުވާތީ އެވެ. މީގެ ކުރިންވެސް ހައްޖަށް މީހުންގެންދާނެ ކަމަށް ބުނެ ޖަމާއަތްތަކުން ފައިސާ ނެގުމަށް ފަހު އޮޅުވާލުންތަކާ ކުރިމަތިވި ނަމަވެސް މިވަރުގެ އޮޅުވާލުމެއް އޮޅުވާލި މިއީ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ހައްޖަށް ދާން މަލީޝާ ހައްޖު ގްރޫޕަށް ފައިސާ ދެއްކި ނަމަވެސް އެ ގްރޫޕުން ނުގެންދިއުމުގެ ސަބަބުން ހައްޖަށް ނުދެވުނު މީހުންނަށް މިއަހަރު ސަރުކާރުން ހައްޖަށް ދެވޭނެ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ކުރިން އިސްލާމިކް މިނިސްޓްރީން ބުނި ނަމަވެސް މިއަދު ބުނަނީ އެމީހުންނަށް ހަމަޖައްސައިދެވޭނީ ބޭނުންވާ ކޯޓާ އެކަނި ކަމަށެވެ. ނަމަވެސް ކޯޓާ ލިބުނަސް ފައިސާ ނެތިއްޔާ ކުރާނީ ކީއް ހެއްޔެވެ؟ އަދި މިއީ އިސްލާމިކް މިނިސްޓްރީގެ އިހުމާލުން ވެފައިވާ ކަމަކަށް ނުވާއިރު އިސްލާމިކް މިނިސްޓްރީއަށް ވެސް ކުރެވޭނެ މާ ބޮޑެތި ކަންތައްތަކެއް ނެތެވެ. މިއަދު ކުރަންޖެހިފައިވާ ކަމަކީ މާތް އަޅުކަން އަދާ ކުރާން ހެޔޮނިޔަތުގައި ތިބި ބަޔަކަށް އޮޅުވާލީތީ މަލީޝާ ވެރިޔާ އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް އަދަދު ތަންފީޒު ކުރުމެވެ.
އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަލީޝާގެ ވެރިޔާ ހައްޖަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލި މައްސަލަ ފުލުހުން ބެލުމަށްފަހު ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލާގެ ޝަރީއަތް ކުރިއަށް ނުދާތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އެބޭފުޅާ ގަބޫލްކުރައްވާ ގޮތުގައި މަލީޝާ ގުރޫޕު ވެރިޔާގެ ފަރާތުން އެ ފައިސާގެ ހައްގު ފަރާތްތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށާއި އަދި އޭނާގެ އާއިލާއިން ވެސް އެކަން ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން ހައްޖަށް ގެންދިއުމަށް ޖަމާއަތެއް ހަދައިގެން މަސައްކަތްކުރާ ތައިސީރު ހައްޖު އެންޑް އުމުރާ ގްރޫޕްގެ މަސްއޫލުވެރިއެއް ކަމަށްވާ، އިއްޒުއްދީން އަދުނާން ވިދާޅުވި ގޮތުގައި ހައްޖަށް ގެންދިއުމުގައި ގްރޫޕުތަކަށް ލަނޑު ލިބި ތާށިވާން ޖެހެނީ، ވިޔަފާރި ރަނގަޅު ކުރުމުގެ ނިޔަތުގައި ގިނަ ބަޔަކު ހޯދުމަށް އަމާޒު ހިފުމުންނެވެ. އަދި ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކޯޓާތަކަކަށް މާކުރިން ފައިސާ ނެގުމެވެ. އެއްބަޔަކު އަވަސް އަރުވާލައިގެން ހޮޓާތަކުން ބުކިންސްތައް ހަދައި އެޑްވާންސަށް ވެސް ފައިސާ ދައްކާލަނީ އެވެ. އާހިރު ނަތީޖާ އަކީ ކޯޓާ ނުލިބުމުގެ މަޅީގައި ޖެހި ތާށިވުން ކަމަށެވެ. ނަމަވެސް މަލީޝާ ގުރޫޕަށް ދިމާވީ އެހެނަކުންނޭ ބުނެވޭކަށް ނެތެވެ. މިހާތަނަށް ފެންނަ ފެނުމަށް އެއީ ފައިސާގެ ދަހިވެތި ކަމުގައި ހިންގާފައިވާ ބޮޑު ޖަރީމާއެކޭ ބުނެވިދާނެއެވެ.
އިސްމާމިކް މިނިސްޓާ ޝަހީމް ވިދާޅުވީ މަލީޝާ ވެރިޔާ އިސްމާއިލް އަބްދުއްލަތީފުގެ ގާތަށް މަލީޝާގެ ޖަމާއަތަށް މިދިޔަ އަހަރު ފައިސާ ދެއްކި ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމަށް އެދި އިސްލާމިކް މިނިސްޓަރުގެ މަންދޫބެއް ވެސް ފޮނުވަފައިވާނެ ކަމަށާއި މަންދޫބުގެ ގާތު އޭނާ ދިން ޖަވާބަކީ "ފަހުން ޖަވާބެއް ދޭނެ" ކަމަށެވެ. ނަމަވެސް އެ ފައިސާއަކީ މިހާރުން މިހާރަށް ވެސް އޭނާ ދޭންޖެހޭނެ ފައިސާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މަލީޝާ ހައްޖު ޖަމާއަތުން ނެގި ފައިސާގެ ޖުމްލަ 11.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހިސާބުތަކުން ދައްކާއިރު ދީނީ މާތް އަޅުކަމަކާ ގުޅުން ހުރި ކަމެއްގައި ބަޔަކު އޮޅުވާލަފާނެ ކަމަށް މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުން ހީވެސް ނުކުރެ އެވެ. ފައިސާ ދައްކައި ހައްޖަށް ދިއުމުގެ އުންމީދުގައި ތައްޔާރުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވާއިރު ފައިސާ ދެއްކި މީހުން މިއަދު އޮތްހާ ވެސް އުއްމީދަކީ އެ މީހުންގެ ފައިސާކޮޅު އަނބުރާ ލިބުމުގެ އުއްމީދެވެ. ނަމަވެސް މަލީޝާ ގެ ގުރޫޕުގެ އޮޅުވާލުމުގެ ސަބަބުން އެމީހުންގެ ހިތުގައި ޖެހުނު ލައްގަނޑަކީ ދުވަހަކުވެސް ފިލާނެ ލައްގަނޑެއް ނޫނެވެ.