އިނގިރޭސި ކްލަބު ޗެލްސީގެ ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ފުލަމްއާ ދުވަހަކު ވެސް ނުގުޅޭނެ ކަމަށް އެ ކްލަބުގެ ކޯޗް މާޓިން ޖޯލް ބުނެފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ވެގެންދިޔައީ ލަމްޕާޑް ޗެލްސީއާއެކު ކުޅުނު 600 ވަނަ މެޗަށެވެ. އެމެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުންނެވެ. ދިގު މުއްދަތެއްގައި ޗެލްސީއިން ފެނުނު ލަމްޕާޑާ އެ ކްލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުން މިސީޒަނަށްފަހު ހަމަވާނެއެވެ. އަދި އެކަމާއި މެދު ލަމްޕާޑް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އަންނަ ސީޒަނުގައި ލަމްޕާޑް ފެނިގެންދާނީ އެމެރިކާގެ ލޮސް އެންޖެލަސް ގެލެކްސީއިން ކަމަށް ގިނަ ރިޕޯޓްތަކަކުން ބުނަމުންދެ އެވެ. ނަމަވެސް ފުލަމްގެ ކޯޗް ދެކޭ ގޮތުގައި ލަމްޕާޑް ހުރުން އެންމެ ރަނގަޅުވާނީ ޗެލްސީއާއެކުގައި ކަމަށެވެ.

"ލަމްޕާޑްއަކީ ފާއިތުވެގެންދިޔަ ތިރީސް ނުވަތަ ސާޅީސް އަހަރު ދުވަހުގެ އިނގިރޭސި އެންމެ ފައިދާކުރަނިވި މިޑްފީލްޑަރު. ކޮންމެ މީހަކު އޭނާ ހޯދަން ބޭނުންވާނެ. ފުލަމްއިން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ލަމްޕާޑްގެ މޫނުމަތިން ފެންނާނީ ހިނިތުންވުމެއް. ނަމަވެސް އޭނާއެއް ދުވަހަކު ވެސް ފުލަމްއަކަށް ނުކުޅޭނެ،" ޖޯލް ބުންޏެވެ.

ޖޯލް އިތުރަށް ބުނީ ލަމްޕާޑްއަކީ ލެޖެންޑެއް ކަމަށެވެ. "ލަމްޕާޑަކީ ލެޖެންޑެއް. އޭނާ ވަނީ ޗެލްސީއާއެކު ހުރިހާ ކާމިޔާބެއް ހޯދާފައި. އަހަރެންނަށް ހީވަނީ ޗެލްސީއިން ލަމްޕާޑް އެކްލަބުގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާނެހެން،" ޖޯލް ބުންޏެވެ.

ޗެލްސީގެ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާއަށް ވުމަށްޓަކައި ލަމްޕާޑް ދެން ކާމިޔާބުކުރަންޖެހޭނީ އެންމެ ދެ ގޯލެވެ. ވެސްޓްހާމްއަށް ކުޅެމުން ދަނިކޮށް ޗެލްސީއާއި ލަމްޕާޑް ގުޅުނީ 2001 ވަނަ އަހަރުއެވެ. ޕްރެމިއާ ލީގުގެ ހަތަރު ވަނާގައި އޮތް ޗެލްސީ މިރޭ ނުކުންނަން ޖެހޭނީ ލިވަޕޫލްއާއި ދެކޮޅަށެވެ. ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 8:00 ގައެވެ. އެ މެޗުން ޗެލްސީ މޮޅުވެއްޖެނަމަ އަލުން ތިންވަނަ މަގާމް ލިބޭނެއެވެ.