ސިފައިންގެ މުވައްސަސާ ތެރޭގައި ސިޔާސީ އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ގައުމީ ދިފާއީ ބާރާ ބެހޭ ވަޒީރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 121 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު، ކާނަލް ރިޓާޔަޑް، ނާޒިމު ވިދާޅުވީ ސިޔާސީ އެއްވެސް ކަމެއް ކުރުމަށް އެމަނިކުފާނު އެ މަގާމުގައި ހުންވައިގެން އެއްވެސް ސިފައިންގެ މީހަކަށް އަމުރު ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ އެއްވެސް ކަމަކަށް ޖާގައެއްވެސް ނުދެއްވާނެ ކަމަށެވެ.
"[ސިފައިންގެ މައްޗަށް] ސިޔާސީ އެއްވެސް ކަމެއްގައިކުރުމަށް އަޅުގަނޑަށް އަމުރު ނުކުރާނެކަމުގެ ޔަގީންކަން ވެސް ތިޔަ ހުރިހާ ބޭފުޅުނަށް މި ފުރުސަތުގައިދެން. އަޅުގަނޑު މި މަގާމުގައި ދެމިހުރިހާ ހިނދަކު ސިފައިންގެ ތެރޭގައި އެއްވެސް ސިޔާސީ ކަމަކަށް ޖާގައެއް ނޯންނާނެ ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވާލަން ބޭނުން، "

އާންމުނަށް ލިބިދީފައިވާ ބައެއް ހައްގުތައް ސިފައިންގެ މީހަކަށް ވީތީ ދޫކޮށްލަން ޖެހޭ ކަމަށާއި އެގޮތުން އެ އޭގެ އެއް ސިފައަކީ ސިޔާސީ ކަންކަމުން ދުރުހެލިވުންކަން ފާހަގަ ކުރައްވަމުން ނާޒިމު ވިދާޅުވީ ސިފައިންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހަނިކޮށްފައި ވަނީ ވަރަށް ބޮޑު މަގުސަދެއްގައި ކަމަށެވެ.

" ހުޅުވާލާފައިވާ މުޖުތަމައުއަކުން އާންމު ފަރުދަކަށް ޔަގީންކޮށްދޭ ބައެއް ހައްގުތައް ސިފައިންގެ މީހަކަށް ވީތީ ދޫކޮށްލަން ޖެހޭކަން ސިފައިންގެ ކޮންމެ މީހަކު ވެސް މިއަދު ގަބޫލުކުރަން އެބަޖެހޭ. މި ގޮތުން ސިފައިން ދޫކޮށްލަން ޖެހޭ އެއް ކަމަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ ހައްގު. ގާނޫނު އަސާސީންނާއި ސިފައިންގެ ގާނޫނުން މި ހައްގު ސިފައިނަށް ހަނިކޮށްފައި ވަނީ ވަރަށް މާތް މަގުސަދެއްގައި ކަމުގައި މި ވަގުތު ދަންނަވާލަން ބޭނުން،"


އެމޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ރައްޔިތުނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ބޭނުން ކުރުމުން ސިފައިންގެ ސިޔާސީ ދައުރު ނިމުނީ ކަމަށާއި ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ސިފައިންގެ ޔުނީފޯމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

" އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިދީފައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުން ހިފުމުން ސިފައިންގެ މީހާގެ ސިޔާސީ ދައުރު ނިމުނީ ކަމަށް ތިޔަ ހުރިހާ ބޭފުޅުނަށް އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުން. އެހެން ކަމުން ސިޔާސީ އެންމެހާ ކަންތައްތަކުން ދުރުހެލިވުމަށް އެންމެހާ ލޮބުވެތި ސިފައިންނަށް އަޅުގަނޑު މިއަދު އިލްތިމާސްކުރަން،" ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ބަޔަކު ވެރިމުގައި ތިބި ނަމަވެސް ސިފައިން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމި ތިބޭނެކަން ހުރިހާ ފަރާތްތަކުން ޔަގީންކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ސިފައިންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.