އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ފުލަމް އަތުން އެކެއް ސުމަކުން މޮޅުވެ، ވަގުތީގޮތުން ލީގުގެ ތިންވަނަ އަށް އާސެނަލް ޖެހިލައިފި އެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖްގައި ރޭ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައީ އާސެނަލްގެ ފަރާތުންނެވެ. މެޗުގައި ދެޓީިމްގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން ޑިފެންޑަރު ޕާ މާޓެސޭކާ އެވެ. މާޓެސޭކާ މިލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެން ދެމިނެޓެއް ވެފައި ވަނިކޮށެވެ.

ސްޓޯކް ސިޓީ އަތުން ބަލިވެ ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އައި މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. ދޭއް ސުމަކުން ސްޓޯކް މޮޅުވި މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕީޓާ ކްރައިޗް އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ސްޓޯކް އަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޮނަތަން ވޯލްޓާސް އެވެ.

އެވަޓަން ވަނީ ސަންޑަލޭންޑް އަތުން އެކެއް ސުމަކުން ބަލިވެފަ އެވެ. މެޗުގައި އެވަޓަންއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސަންޑަލޭންޑް އިން ވަނީ އެވަޓަންގެ މަސައްކަތްތަކަށް ހުރަސްއަޅާފަ އެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގައި މެޗުގެ ހަމައެކަނި ލަނޑު ސަންޑަލޭންޑަށް ކާމިޔާބުކޮށްދިނީ ސްޓެފަން ސެސެގްނޮން އެވެ.

ވެސްޓް ބްރޮމްވިޗް އަލްބިއޮން އިން ވަނީ މެޗުގެ އަށްވަނަ މިނެޓްގައި ޔޯއަން ގޮއުފްރާން ކާމިޔާބުކޮށްދިން ލަނޑާއެކު ހަމަޖެހިލައިގެން ކުޅެމުންދިޔަ ނިއުކާސް ޔުނައިޓެޑް ހިފަހައްޓާފަ އެވެ. މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ވެސްޓް ބޮރޮމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބިލީ ޖޯންސް އެވެ. މިލަނޑު ޖޯންސް ކާމިޔާބުކޮށްދިނީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ.

ބޮޑު ލީޑަކާއެކު ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތޭރަ ޕޮއިންޓްގެ ފަރަގަކާއެކު ވާދަވެރި މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތްއިރު، އާސެނަލް އޮތީ ތިންވަނައިގަ އެވެ. އާސެނަލް އަށްވުރެ ދެމެޗު މަދުން ކުޅެ ހަތަރުވަނައިގައި އޮތް ޗެލްސީ އިން ތިންވަނަ މަގާމް ބޭނުންނަމަ ތިން ޕޮއިންޓް ހޯދަން ޖެހޭނެ އެވެ.

ޕްރެމިއާ ލީގުގައި މިއަދު ވެސް ފޯރިގަދަ ދެ މެޗެއް ކުރިއަށް ދާނެއެވެ. ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި މިއަދު ހަވީރު ރާއްޖޭގަޑިން 5:30 ގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ނުކުންނާނެ އެވެ. ދެވަނަ މެޗުގައި ޗެލްސީ ނުކުންނާނީ ލިވަޕޫލް އާއި ދެކޮޅަށެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖޭގަޑިން 8:00 ގައެވެ.