މިސީޒަނުގެ ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާން މިއުނިކްގައި އޮތީ އޭ ޓީމެއް ކަމަށާއި ބީ ޓީމެއް ނޯންނާނެ ކަމަށް އެކަލަބުގެ ކޯޗް ޔުޕް ހޭންކެސް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އަންނަ އަންގާރަ ދުވަހު ބާސެލޯނާއާއި ދެކޮޅަށް ބަޔާން ނުކުތުމުގެ ކުރިން އެޓީމްގެ މުހިންމު ކުޅުންތެރިން ތަކަކަށް އަރާމްކުރުމަށް ފުރުސަތު ދިނުމަށްޓަކައި ބުންޑަސްލީގާގައި ރޭ ހެނޯވާ އާއި ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ކުޅުންތެރިންތަކެއް ނުފެނެއެވެ. ނަމަވެސް އެމެޗުން ތަފާތު ބޮޑުކޮށް 6-1 ލަނޑުން ބަޔާން ވަނީ މޮޅުވެފަ އެވެ.

"އަނެއްކާވެސް ކުޅުންތެރިން އެ ކަށަވަރުކޮށްދިނީ ބަޔާންގައި ބީ ޓީމެއް ނޯންނާނެކަން. މި ޓީމުގައި އޮންނާނީ ހަމައެކަނި އޭ ޓީމް. ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ އެކުޅުންތެރިން ފުޓްބޯޅަ ކުޅުމަށް ހުރި ޝައުގުވެރިކަން. ހުރިހާ ކުޅުންތެރިން ވެސް ކުޅުނީ ފޯރީގައި. ފުރަތަމަ ހާފްގައި ގިނަ ލަނޑުތަކެއް ޖެހުމުން މިހާ ބޮޑު މޮޅެއް ލިބުނީ." ހޭންކެސް ބުންޏެވެ.

ހެނޯވާ އާއި ދެކޮޅަށް ކުޅުނު މެޗުން އަންގައިދެނީ ޗެމްޕިއަންސް ލީގުގައި ބާސާ އާއި ދެކޮޅަށް ނުކުންނަން ބަޔާން އޮތީ ތައްޔާރަށް ކަމުގައި އެކްލަބުގެ ގޯލްކީޕަރު މަނުއެލް ނޯޔާ ބުނެފައި ވެއެވެ.

"އަހަރެމެން ބޭނުންވީ ބާސާ އާއި ދެކޮޅަށް ނުކުންނައިރު ރަނގަޅަށް ތައްޔާރުވުން. އެކަން އަހަރެމެންނަށް ކާމިޔާބުވެއްޖެ. އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން. ހާއްސަކޮށް ފުރަތަމަ ހާފްގައި." ނޯޔާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހު ކުޅޭ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ ބަޔާންގެ އާލިއަންޒް އެރީނާގައެވެ. ބާސާ އާއި ދެކޮޅަށް ބަޔާން ނުކުންނަ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން އަންގާރަ ދުވަހުގެރޭ 11:45 ގައެވެ.