ބެއިޖިންގް (އެޕްރީލް 20): ޗައިނާގެ ހުޅނގު ދެކުނުގެ ސިޝްވާން ސަރަޙައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 160 އަށްވުރެ ގިނަ މީހުން މަރުވެ 7500 އަށް ވުރެ ގިނަމީހުން ޒަޚަމްވިކަން ޗައިނާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފި އެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކާ ޙަވާލާދީ ޒިންހުވާ ނޫސްއެޖެންސީ ބުނި ގޮތުގައި އިއްޔެބެ ބިންހެލުމުގައި ގެއްލުންލިބިފައި ވަނީ ސިޝްވާން އަށާއި އެހިސާބުގެ ކައިރީގައިވާ ރައްފުށުގެ ސަރަޙައްދުތަކެވެ. މިބިންހެލުމުގައި އެތައް ސަތޭކަ ޢިމާރާތެއް ވެއްޓި ބިމާހަމަވެފައިވާ އިރު ވެއްޓިފައިވާ ޢިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު އަދިވެސް ތިބިކަމަށާއި އެ މީހުން ސަލާމަތްކުރުމުގެ ކަންތައް ކުރިޔަށްދާ ކަމަށް ޒިންހުވާ ބުނެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 6.6 ގެ ބާރުމިނުގަ އެވެ. އެއަށް ފަހު އެ ސަރަހައްދުގެ ބިންގަނޑަށް 701 ފަހަރު ލޮޅުންތައް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބިންހެލުންތަކާ ބެހޭ ދިރާސާތައްކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ މަރުކަޒު ބުނާ ގޮތުން ޗައިނާގެ ހުޅަނގު ދެކުނުގެ ސިޝްވާނަށް އައި މިބިންހެލުމުގެ މަރުކަޒު ހުރީ އެސަރަހައްދާ ކައިރީގައިވާ ޓައުނެއް ކަމަށްވާ ލިންގިންގްގެ ބިމު އަޑިން 12 ކިލޯމީޓަރުގެ ފުނުގަ އެވެ.

ބިންހެލުމުގެ ސަބަބުން ސިޝްވާން ސަރަޙައްދުން ކަރަންޓާއި ފެނާއި މުވާސަލާތީ ވަސީލަތްތައް ވަނީ ކެނޑިގެން ގޮސްފަ އެވެ. ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޗައިނާ ސިފައިންގެ އެތައް ހާސްބަޔަކު ޙަރަކާތްތެރިވަމުން ގެންދެ އެވެ. އަދި ބޮޑުވަޒީރު ލީކިޗިޔަންގް އިއްޔެ ހަވީރުގެ ވަގުތެއްގައި އެސަރަހައްދަށް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

ސިޝްވާން ސަރަހައްދަކީ 2008 ވަނަ އަހަރުގައި ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ސަރަޙައްދެކެވެ. ދެ ހާސް އަށް ވަނަ އަހަރުގެ ބިންހެލުމުގައި މަރުވެ އަދި ޒަޚަމްވި މީހުންގެ ޢަދަދު 90 ހާހަށް އަރާކަމަށް އެދުވަސްވަރު ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެފައިވެ އެވެ. (ރޮއިޓާސް)