21 Apr 2013, 09:25
ރޯމް (އެޕްރީލް 21): އިޓަލީގެ ރިޔާސަތުގެ ދެވަނަ ދައުރަކަށް އެ ގައުމުގެ ރައީސް ޖޯޖިޔޯ ނަބޮލިތާނޫ އިންތިޚާބުވެވަޑައިގެންފި އެވެ.
އުމުރުފުޅުން 87 އަހަރުގެ ޖޯޖިޔޯ ނަބޮލިތާނޫ ވިދާޅުވީ އޭނާގެ އުމުރުފުޅު މަތިކަމުން ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިނުލެއްވުމަށް ކުރިން ނިންމަވާފައިވާ ކަމަށާއި ނަމަވެސް އިޓަލީ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށް މަގުފަހި ކުރުމަށްޓަކައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވީ ކަމުގަ އެވެ. އިޓަލީގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ނަބޮލިތާނޫ ވިދާޅުވެފައި ވަނީ މިފަދަ ޙާލަތެއްގައި ސިޔާސީ ޕާޓީތަކުގެ އެދުމަށް އިޖާބަދެއްވުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކޭކަމުގަ އެވެ.
އިޓަލީގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ވަކިފިކުރަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ގައުމާއި ރައްޔިތުން ތަމްޘީލްކުރައްވާ އަދި ގައުމުގެ އިއްޒަތާއި ޤަދަރު ހިފަހައްޓައި ސިޔާދަތާއި ވަޙްދަތު ރަމްޒުކޮށްދޭ އެންމެ އިސްވެރިޔާ އެވެ. އެހެންކަމުން އިޓަލީގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ އެންމެންގެ އިހްތިރާމް ލިބިގެންވާ ގަދަރުވެރި ޝަޚްސިއްޔަތެއްގެ ގޮތުގައި ބަލާ ފަރާތެކެވެ. ނަބޮލިތާނޫ ރިޔާސީ އިތުރު ދައުރަކަށް އިންތިޚާބުކުރީ ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އިޓަލީގެ ސިޔާސީ ޕާޓީތަކުންއޭނާގެ ކިބައިން އެދުމަށް ފަހުގަ އެވެ.
މިކަމަށްޓަކައި އިޓަލީގެ ސިޔާސީ މައި ޕާޓީތަކުގެ އިސްވެރިން އިއްޔެ އޭނާއާވަނީ ބައްދަލުކުރައްވާފަ އެވެ. މީގެތެރޭގައި މިހާރުގެ މިހާރުގެ ބޮޑުވަޒީރު މާރިޔޯ މޮންޓީ އާއި ކުރީގެ ބޮޑުވަޒީރު އަދި އިޓަލީގެ ސިޔާސީ ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ ސިލްވިޔޯ ބާލުސްކޯނީ ހިމެނިވަޑައިގަންނަވަ އެވެ.
އިޓަލީގެ ރައީސް އިންތިޚާބު ކުރަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްއާއި ސެނެޓްގެ މެންބަރުންގެ އިތުރުން ލޯކަލް ކައުންސިލްތަކުން ބައިވެރިކުރާ މަންދޫބުން ހިމެނޭ ގޮތަށް އެބޭފުޅުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ. މިއިންތިޚާބުގައި އޭނާއަށް ވަނީ 504 ވޯޓުގެ އަޣްލަބިއްޔަތެއް ލިބިވަޑައިގެންފަ އެވެ. އިޓަލީގެ ރައީސަކީ ޝަރަފުވެރި މަޤާމެކެވެ. (ރޮއިޓާސް)