ރައްޔިތުންނަށް ޚިދްމަތްދޭން ހަދާފައި ހުންނަ ތަންތަނަށް ހަމަލާ ދިނުމަކީ، ރައްޔިތުންނަށް ދެވޭ ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މާލެ އަތޮޅުގެ ދެ ރަށަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ހިންމަފުއްޓަށް ވަޑައިގެން، ހިންމަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ހިންމަފުށީ ކައުންސިލް އިދާރާ، މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އެނދުމާ ގުޅިގެން، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށާއި އެ ހިތާމަވެރި ހާދިސާއާ ގުޅިގެން، ރަށުގެ ރައްޔިތުންނަށް ހަމްދަރުދީ ވިދާޅުވާ ކަމަށެވެ. އަދި މިދަނޑިވަޅަކީ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި، ވަރަށް ނާޒުކު ދަނޑިވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގެ ކައުންސިލްގެ އިދާރާއާއި، ޞިއްޙީ މަރްކަޒާ އަދި މިނޫންވެސް ސަރުކާރުގެ އިމާރާތްތައް އަނދާ ހަލާކުވެގެން ދިޔުމަކީ، އެ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ނިކަމެތި ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި އެ އޮފީސް އަލުން އިމާރާތް ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ކޮށްދެއްވާނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ނަރުދަމާގެ މައްސަލަ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް މިހާރު ބޭނުންވެފައި ވަނީ، ނަރުދަމާގެ ނިޒާމު ކަމުގައި ވިދާޅުވި އެވެ. ގިނަ ޢަދަދެއްގެ ރަށްރަށުގައި ނަރުދަމާ ނެތްކަމާއި ނަރުދަމާ ޤާއިމް ކުރެވިފައި ވަނީ، ވަރަށްމަދު ރަށެއްގައިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވީހާ ވެސް ގިނަ ރަށްރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެއްވުމަށް ކަމުގައި ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހިންމަފުށީގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ފެށޭނެ ކަމަށާއި އެކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.