އަމިއްލަ ވެހިކަލެއް އޮތް ކޮންމެ މީހަކަށް ވެސް ޓެކްސީ ސެންޓަރަކާ ގުޅިގެން ޓެކްސީ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ޓެކްސީކުރުމާ ބެހޭ އާ ގަވާއިދުގެ ޑްރާފްޓް އެކުލަވާލާ އެ ޑްރާފްޓް ގަވާއިދަކަށް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު "ސަން" އަށް މިއަދު ވިދާޅުވީ މިހާރު ޓެކްސީ ކުރުމުގެ ހުއްދަ ދީފައިވާ 560 ޓެކްސީގެ އިތުރުން އާ ޓެކްސީ ތަކަށް ފުރުސަތު ހުޅުވާލާނީ އަލަށް އެކުލަވާލާ ގަވާއިދު ގެޒެޓް ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް އިތުރު ވެހިކަލްތައް ޓެކްސީ ތަކައް ބަދަލުކުރުމުގެ ހުއްދަ ދެވޭނީ އަލަށް އެކުލަވާލި ގަވާއިދު ގެޒެޓް ކުރުމުގެ ކުރީން އެތެރެ ކޮށްފައިހުރި ކާރުތަކަށް އެކަނި ކަމަށްވެސް ނާފިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލަށް އެކުލަވާލި ޑްރާފްޓްގެ ތެރެއިން އަލަށް ޓެކްސީގެ ފިޔަފާރިއަށް ވަންނާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

"...ތިބޭފުޅާގެ އަތުގައި ވެހިކަލެއް އޮވެއްޖެނަމަ މިހާރު މި ޑްރާފްޓް ބުނާ ގޮތުން ޓެކްސީ ސެންޓަރަކާއި ގުޅިގެން ކޮންމެ މީހަކަށްވެސް ޓެކްސީ ކުރެވޭނެ. އެކަމަކު އަމިއްލައަށް އިންޑިވިޖުއަލީ ނުކުރެވޭނެ. އެކަމަކު ސެންޓަރަކާ ގުޅިގެން ރަނގަޅަށް އޮގަނައިޒް ވެގެން އެކަމުގެ ތެރޭގައި އުޅެވިދާނެ. އެހެންވީމަ މިހާރު ގަވާއިދުގައި އޮތް ގޮތަށް އަމަލުކުރާން ފެށިއްޖެނަމަ ކުރީން އޮތް ލިމިޓް ނެތި ދާނެ. އޭރުން ޓެކްސީގެ އަދަދު 1000ށް ވެސް އަރާފާނެ. 2000ށް ވެސް އަރާފާނެ،" ނާފިޒު ވިދާޅުވިއެވެ.

ނާފިޒު ވިދާޅުވީ މިހާރުވެސް ގާތްގަނޑަކަށް ވިހި ތިރީސް އަހަރު ވެފައިހުރި ޓެކްސީ ވެސް މާލޭގައި މިހާރުވެސް ބޭނުންކުރާ ކަމަށާއި، އެހެން ކަމުން ޕަބްލިކް ޓްރާންސްޕޯޓު ޚިދުމަތުގައި ގެންގުޅޭ ޓެކްސީ ތަކަކީ ވަކި ފެންވަރެއްގައި ހުންނަ ޓެކްސީ ތަކަކަށްވާން އެބަ ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ވާ ގޮތުންނަމަ 10 އަހަރަށް ވުރެ ގިނަ ދުވަސް ވުމަށްފަހު އެ ޓެކްސީ އެއް ޕަބްލިކް ޓްރާންސްޕޯޓު ޚިދުމަތުގައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"މާލޭގައި މިހާރުވެސް އެބަ ދުއްވާ ވިހި ތިރީީސް އަހަރުވެފައިހުރި ޓެކްސީތައް. ނުވަތަ އެ އުޅަނދު މާލޭގެ މަގުތަކުގައި ދުއްވާ އިރުވެސް ގަބޫލު ނުކުރެވޭ ފެންވަރަށް ހުންނަ އުޅަނދު ތައް. އެ ކަމަކު ނުދޭ ޕަބްލިކް ޓްރާންސްޕޯޓުގައި ގެންގުޅޭކަށް. އެކަމުގެ ޝަކުވާވެސް އެބަ އާދޭ. އެހެންވީމަ އެ ޑްރާފްޓްގައި އޮންނާނެ ދިހަ އަހަރު ވުމަށްފަހު ޓެކްސީ ނުކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް މިހާރު އެތެރެ ކުރެވެނީވެސް އުފެއްދި ފަހުން ފަސް އަހަރު ނުވާ ކާރު ކަމަށް ވާއިރު އެ ފަސް އަހަރުގެ އިތުރުން މާލޭގައި ޓެކްސީ ކުރާތާ 10 އަހަރު ހަމަވާއިރު އެ އުޅަނދެއް 15 އަހަރުގެ ދިގު މުއްދަތެއްގައި އޮންނާނީ ޓެކްސީއެއްގެ ގޮތުގައި ދުއްވިފައި ކަމަށެވެ.

މިހާރުވެސް ޓެކްސީގެ ގޮތުގައި ދުއްވަމުންގެންދާ ޓެކްސީ ތަކާއި ގުޅޭ ގޮތުން ނާފިޒު ވިދާޅުވީ އެ ފަދަ ޓެކްސީތައް ވަގުތުން ހުއްޓުވައި ނުލާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ވީހާވެސް ލުއި ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިހާރު ދުއްވާ އެއްޗެތި ކުއްލިއަކަށް ހުއްޓުވައެއް ނުލާނަން. އެއީ ދެން އެމީހުން ވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތް ދެއްތޯ. އަލަށް އެތެރެކުރާ އެއްޗެތި އެޕްލައި ކުރާނީ. މިހާރު ދުއްވާތާ 10 އަހަރުވެފައިހުރި އެއްޗެތި މި ބަލަނީ ލުއި ގޮތަކަށް އެ ބޭފުޅުންގެ އެ ވެހިކަލް ސަރުކާރުގެ ފަރާތުން މިހާރު މިހިރަ ލޯނު ފެސިލިޓީސް ތަކުގެ ތެރެއިން ޓެކްސީ ހޯދޭނެ ގޮތެއް އެމީހުންނަށް ފޯރު ކޮށްދެވޭތޯ. ދެން އެއަށް ފަހު އޭތީ ނައްތައިލާނީ." އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ފަހުން ޓެކްސީ ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އޭރު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އޮނަރަބްލް އިލްޔާސް އިބްރާހިމްގެ މިނިސްޓަރު ކަމުގައެވެ. އޭރު ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރެއްވި ގޮތަށް މިހާތަނަށްވެސް އިތުރަށް ޓެކްސީ ދުއްވުމުގެ ހުއްދައެއް އެއްވެސް ފަރާތަކަށް ދޫކޮށްފައެއް ނުވެއެވެ.