އޭޝިއަން ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ހޮނިހިރު ދުވަހު އީރާނަށް ފުރައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން (ވީއޭއެމް)އިން ބުނީ، އޭޝިއަން ކްލަބް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނަށް ކޮންމެ އަހަރަކުވެސް ލިބޭކަމަށެވެ. އަދި އެގޮތުން ލިބޭފުރުސަތުގައި ރާއްޖޭގެ ފަރާތުން ބައިވެރި ކުރަނީ އެސޯސިއޭޝަންގެ ލީގު ޗެމްޕިއަންނުން ކަމަށެވެ. އެހެން ނަމަވެސް ހުސްވިއަހަރުގެ ލީގު ޗެމްޕިއަން، އެސްޓީއޯ ރެކްރިއޭޝަން ކުލަބަށް މުބާރާތުގައި ބައިވެރި ވުމަށް ފުރުސަތު ދިންނަމަވެސް އެ ކުލަބުން އެ ފުރުސަތުގެ ބޭނުން ނުކުރުމުން، ގައުމީ ސީނިއާ ވޮލީބޯޅަ ޓީމު މުބާރާތުގައި ބައިވެރުކުރުމަށް އެސޯސިއޭޝަނުން ނިންމީ ކަމަށެވެ.

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުން މިފަހަރު ޓީމާއެކު ގޮސްފައިވަނީ ކުރިން ވެސް ގައުމީ ޓީމުގެ ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފެވެ. ގައުމީ ޓީމުގެ ކޯޗު ދެކުނު ކޮރެއާގެ ހުން ޑުކް ހާން އޭނާ އެނބުރި ރަށަށް ދިއުމުގެ ސަބަބުން ވީއޭއެމްއިން ދަނީ ގައުމީ ޓީމަށް ބިދޭސީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އީރާނުގައި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރަންޖެހޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މުބާރާތް ފަށާދުވަހު ވާދަކުރަން ޖެހެނީ ޖަޕާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ހޯމަ ދުވަހު އޮމާނާ ދެކޮޅަށް ނުކުންނަށް ޖެހޭއިރު މުބާރާތުގައި ރާއްޖެ ކުޅޭ ފަހުމެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ކަޒަކުސްތާނާ ދެކޮޅަށެވެ.

އޭޝިޔަން ކްލަބް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އިރާނަށްދިޔަ ގައުމީ ވޮލީބޯޅަ ސްކޮޑްގައި ހިމެނެނީ: އިޝާން މުހައްމަދު (ބަޓިސް)، އަޝްފާގް އާދަމް (އައްކަޅޭ)، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، ޝާއިން މުހައްމަދު، އަލީ ހުޒާމް، އަހުމަދު އަނިލް ނަސީރު، މުހައްމަދު އަހުސަން، ޖުނެއިދު އަބްދުﷲ، ޝިއުނާޒް އަބްދުލް ވާހިދު، އަހުމަދު ފާޒިލް، އަލީ މައުރޫފް (މާއްޓޭ) އަދި އަލީ އާމިރު (އައްޔަ) އެވެ.