21 Apr 2013, 00:18
ހުސްވި އަހަރު އޮކްޓޫބަރުގައި ރާއްޖޭގައި ބޭއްވުނު ރެޑްބުލް ޓޯޓުޓޯ އިވެންޓުގެ ޗެމްޕިއަން އިބްރާހީމް ޖުނާހު، ޓްރެއިނިން ސެޝަން ތަކެއްގައި ބައިވެރިވުމަށް ރެޑްބުލްގެ "ހޯމްޓައުން" ކަމަށްވާ އޮސްޓްރިއާއަށް ފުރައިފިއެވެ.
އޮސްޓްރިއާގެ އެފްސީ ރެޑްބުލް ސަލްޒްބާގު ޓީމާއެކު ތަމްރީނު ތަކުގައި ބައިވެރިވުމުގެ އިރުން ޖުނާހުއަށް ރެޑްބުލް ސަލްޒްބާގުގެ ސްޓޭޑިއަމްގައި ސަލްބާގާއި އާރުޒެޑް ޕެލެޓްސް އާއި ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗެއް ބަލައިލުމަށް ވީއައިޕީ ޓިކެޓެއްލިބޭނެއެވެ.
ހަތަރު ދުވަހުގެ އެދަތުރުގައި ޖުނާހުއަށް އޮސްޓްރިއާގެ މަޝްހޫރު ބައެއް ތަންތަން ބަލައިލަން ދިއުމާއި، ރެޑްބުލް އެއާރޭސްގެ ޕްލޭންތައް "ޑިސްޕްލޭ"ކުރުމަށް ބަހަށްޓާފައި ހުންނަ ތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
ކުރިން ވިޔަންސާއަށް އަދި ފަހުން އޭވައިއެލްއަށް ފުޓްބޯޅަކުޅުނު ޖުނާހުއަށް އެ ފުރުސަތު ލިބުނީ ރާއްޖޭއިން ރެޑްބުލް ޓޯޓުޓޯ އިވެންޓަށް ފޮނުވާނޭ ކުޅުންތެރިއެއް ހޮވުމަށް ޖުމުލަ އަށް ކުޅުންތެރިންގެ މެދުގައި ބޭއްވުނު ފައިނަލުތަކުން މޮޅުވެގެންނެވެ.