އެމްޑީޕީ ސަރުކާރެއްގައި މެރިކަލްޗާ ވިޔަފާރީގެ ގައުމީ ސިޔާސަތުގެ ނަމުގައި ސިޔާސަތެއް ރާއްޖޭގެ 21 ސަރަޙައްދެއްގައި މިއަދު އިފްތިތާޙް ކޮށްފި އެވެ.

ނ. ކެނދިކުޅުދޫގައި އެމްޑީޕީން ބޭއްވި އިހްތިފާލެއްގައި އެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. އެއަށް ފަހު ރާއްޖޭގެ 18 އަތޮޅާއި ދެ ސިޓީގައި އެ ސިޔާސަތު ފައްޓަވައި ދެއްވީ އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުންނާއި އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށް އެމްޑީޕީން ބުންޏެވެ.

މެރިކަލްޗާ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން އެކިރަށް ރަށުގައި ބޭއްވި ބައްދަލުވުން ތަކުގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި މެރިކަލްޗާ ވިޔަފާރިއަކީ ރާއްޖޭގެ ކަނޑުފަޅުގައި ކުރެވިދާނެ ފައިދާ ހުރި މަސައްކަތެއް ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވި ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެއ އިގްތިޞާދުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންމެ ބައިވެރިކޮށްގެން ރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުތައް ފަހިކޮށްދިނުން ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި އެ މަސައްކަތް އާލާކޮށް ދިރުވުމަށް ޓަކައި ވަޞީލަތްތައް ގާއިމްކޮށްދިނުމާއި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ފަންނީ މީހުން ބިނާ ކުރަމުން ގެންދާ ގޮތް އާންމު ކުރި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ މެރިކަލްޗާ ވިޔަފާރީގެ ސިޔާސަތުގެ ދަށުން އަމާޒަކީ ހަމައެކަނި ހުއިފިލަނޑާގެ 60 މަޝްރޫޢު ހިންގައި ފަސް އަހަރު ތެރޭގައި 1.05 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖޭގެ އިގްތިޞާދުގެ ތެރެއަށް ވެއްދުން ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެ މަސައްކަތުން 1800 ވަރަކަށް މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.