ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުލަބް އީގަލްސްއާއި ކުލަބް ވެލެންސިޔާ ބައްދަލު ކުރިމެޗުން އެކެއް ސުމަކުން ވެލެންސިޔާ މޮޅުވެއްޖެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ކުލަބު ވެލެންސިޔާއަށް މެޗުގެ ނަތީޖާ ބަދަލު ކޮށްލެވޭވަރުގެ ދެތިން ފުރުސަތެއް ލިބުނުނަމަވެސް އޭގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި އީގަލްސްއަށްވެސް ލަނޑެއް ކާމިޔާބު ކުރާނޭ ރަނގަޅު ފުރުސަތެއް ލިބުނެވެ. އާދަމް ސާހިރަށް މުހައްމަދު ތަސްނީމް ތަނަވަސްކޮށްދިން ބޯޅަ އޭނާ ފޮނުވާލީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ވެލެންސިޔާއަށް އީގަލްސްގެ ގޯލް ހުޅުވާލަދިނީ މެޗުގެ 70 ވަނަ މިނިޓުގައި ޔާވޯ ބޮރިސޯފް ފޮނުވާލި ހިލޭޖެހުމެއް އީގަލްސްގެ ގޯލްތެރެއަށް ފޮނުވާލައިގެން ވެލެންސިޔާގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީއެވެ. އޭގެ ފަހުންވެސް ވެލެންސިޔާއަށް ލަނޑެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް މެޗުގެ ފަހު 15 ވަރަކަށް މިނިޓުގައި ރަނގަޅަށް ކުޅެފައިވަނީ އީގަލްސްއެވެ.

މިއަދުގެ މެޗާބެހޭގޮތުން ވެލެންސިޔާގެ ކޯޗު ބޮއިކޯ ކަމެނޯފް ބުނީ މެޗުގައި އޭނާގެ ޓީމަށް އެހާ ރީތި ކުޅުމެއް ދެއްކިފައި ނުވިނަމަވެސް މެޗުން ތިން ޕޮއިންޓު ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ފުޓްބޯޅައިގައި އެކި ދުވަސްދުވަހު ނުކުންނާނީ އެކި ނަތީޖާ ކަމަށާއި އެއްދުވަހު މޮޅަށް ކުޅެވިއްޖިއްޔާ އަނެއް ދުވަހު މޮޅަށް ނުކުޅެވިދާނޭ ކަމަށާއި އެހެން ނަމަވެސް މެޗެއްގައި އެންމެ މުހިއްމު ވާނީ މޮޅުވެގެން ތިން ޕޮއިންޓު ހޯދުން ކަމަށެވެ. އެހެން ކަމުން ޖުމުލަ ގޮތެއްގައި އޭނާގެ ޓީމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗް މުހަމައްމަދު ޝާކީރު ބުނީ އީގަލްސް އިން މެޗުގައި ކުޅުނު ކުޅުމާ ދޭތެރޭގައި ހިތްޖަމަ ޖެހޭ ކަމަށާއި އަދި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއްވެސް ތަނަވަސް ކުރީ އީގަލްސްއިން ކަމަށެވެ. އެހެން ނަމަވެސް އެ ކުލަބަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅަށް ކުޅެ މެޗުގައި ލަނޑު ޖަހާނޭ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ރަނގަޅަށް "ނިންމާލާނޭ" ކުޅުންތެރިއަކު ނެތުން ކަމަށެވެ.

މިއަދުގެ މެޗުން ވެލެންސިޔާ މޮޅުވެ 12 ޕޮއިންޓު ހޯދައިގެން މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރި ނަމަވެސް ލީގު ތާވަލަށް އިތުރު ބަދަލެއް ނާދެއެވެ. ފައިދާ ގޯލްގެ ތަފާތުން މާޒިޔާއަށް ދެވަނަ ލިބޭއިރު ވެލެންސިޔާއަށް ލިބެނީ ތިންވަނައެވެ. އަދި އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބެވެ.

މިމަހުގެ 23 ވަނަ ދުވަހު އޭއެފްސީ ކަޕްގައި މާޒިޔާއާއި މެލޭޝިޔާގެ ކެލަންޓަން، އަދި ހޮންކޮންގުގެ ސަންހައިއާ ދެކޮޅަށް ނިއުރޭޑިއެންޓު ކުޅޭމެޗަށް ލީގުގެ ކުޅުން މެދު ކަނޑާލުމަށްފަހު ދެން ދިރާގު ދިވެހި ލީގުގެ މެޗެއް އެންމެ އަވަހަށް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލު ކުރާނީ ލީގު ތާވަލުގެ ފަސްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި ހަތްވަނައިގައި އޮތް ވީބީ އައްޑޫ އެފްސީއެވެ.