20 Apr 2013, 17:28
ތ. ތިމަރަފުށީގެ އެއާޕޯޓުގެ މަސައްކަތް ލަސްކުރުމަށް ޕީޕީއެމް މަސައްކަތް ކުރާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ "އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށް އެ ޕާޓީން ބުނެފި އެވެ.
ތިމަރަފުށި އެއާޕޯޓްގެ މަސައްކަތް ހުއްޓުވުމަށް ޕީޕީއެމް އިން މަސައްކަތް ކުރުމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަ ދައްކާ ކަމަށް ބުނެ އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން ބޭނުން ވަނީ ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ވެސް އަދި އެހެނިހެން ތަރައްގީގެ މަސައްކަތް ވެސް ވީ އެންމެ އަވަހަކަށް ކުރިއަށް ދިއުން ކަމަށެވެ.
"ޕީޕީއެމް އަކީ އަބަދު ވެސް ދިވެހި ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތްކުރާ ޕާޓީއެކެވެ. އެހެން ކަމުން ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ލަސްވުމަކީ ޕީޕީއެމް އިން ކުރާނެ ކަމެއް ނޫން ކަމުގައި ދަންނަވަވެ." އެ ބަޔާނުގައިވެ އެވެ.
ޕީޕީއެމް މި ބަޔާން ނެރިފައި ވަނީ ތިމަރަފުށީ އެއާޕޯޓުގެ މަޝްރޫއު ހުއްޓުވުމަށް ޕީޕީއެމްގެ ބަޔަކު މަސައްކަތް ކުރެއްވި ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފް ތުހުމަތު ކުރައްވާފައިވަނިކޮށެވެ.