20 Apr 2013, 15:36
މަޝްހޫރު އާރުއެންޑްބީ ލަވަކިޔުންތެރިޔާ އޭކޮން ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސްޑޮޓްނެޓްޑޮޓްއެމްވީ" އިން ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ މާލެ އަތޮޅުގެ އުތުރުުގައިވާ ލަގްޒަރީ ރިޒޯޓެއްގައި ފަސް ދުވަސް އޭކޮން ހޭދަކުރާނެ ކަމަށެވެ.
އޭކޮން ރާއްޖެ އައިސްފައި މިވަނީ ގަތަރު މަގުން ނެވެ. އެއީ އަރަބި ބައެއް ގައުމުތަކުގައި ކުރިއަށް ދިޔަ އޭކޮންގެ ކޮންސަޓުތަކަކަށް ފަހުގަ އެވެ.
އުމުރުން 40 އަހަރުގެ އަލޫނޭ ޑަމާލަ ބަޑަރާ އޭކޮން ތިއާމޭ ނުވަތަ އާއްމު ނަމުން ނަމަ، އޭކޮން އަކީ ސެނެގާލަށް އުފަން އެމެރިކާގެ ރައްޔިތެކެވެ. ލަވަ ކިޔުމުގެ އިތުރުން ލަވަ ޕްރޮޑިއުސް ކުރުމާއި، ލިޔުމުގައި ހަރަކާތްތެރިވާ އޭކޮން ދުނިޔޭގެ މަގުބޫލުކަން ހޯދާފައި ވަނީ 2004 ވަނަ އަހަރު ރިލީޒްކުރެވުނު އޭނާގެ ސިންގަލް "ލޮކްޑް އަޕް" މިލަވައިގެ ސަބަބުން ނެވެ.
އޭކޮންގެ 12 މިލިއަން އަލްބަމް ވިކިފައިވާ އިރު، އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން ގުރެމީ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.