ޕާކިސްތާނުގެ ކުރީގެ ލީޑަރު ޕަރުވޭޒް މުޝައްރަފާ ދެކޮޅަށް ކުރަމުންދާ ދައުވާތަކުގެ މައްސަލާގައި ޝަރީއަތް ފެށެންދެން 14 ދުވަހަށް މުޝައްރަފު ބަންދުގައި ބެހެއްޓުމަށް އިސްލާމްއާބާދުގެ ޓެރަރިޒަމް ކޯޓުން ހުކުމް ކޮށްފި އެވެ.

އަމިއްލަ ފުޅަށް ޕާކިސްތާނު ދޫކުރައްވައި ހަތަރު އަހަރު ހުންނެވުމަށް ފަހު، މިދިޔަ މާޗު މަހު މުޝައްރަފު އަނބުރާ ޕާކިސްތާނަށް ވަޑައިގަތުމާ އެކު ޕާކިސްތާނުން ދިޔައީ މުޝައްރަފަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން ނެވެ.

ޕާކިސްތާނަށް އެނބުރި ވަޑައިގެން މޫޝައްރަފު ވިދާޅުވެފައި ވަނީ މޭ މަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިހާބުތަކުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މުޝައްރަފާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައި ވަނީ 2007ގައި ގިނަ އަދަދެއްގެ ފަނޑިޔާރުތަކެއް ހައްޔަރުކޮށް ޕާކިސްތާނުގައި ކުއްލި ހާލަތު އިއުލާންކުރި މައްސަލާގަ އެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި މުޝައްރަފު އެކަންތައްތައް ކުރައްވާފައި ވަނީ ޕާކިސްތާނުގެ ގާނޫނުއާސާސީއާ ހިލާފަ ށެވެ.

މިމައްސަލައާ ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމަކީ މުޝައްރަފު ގޭބަންދުގައި ބެހެއްޓުމަށް ނުވަތަ ޖަލުގައި ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑު އެހުމެކެވެ.

މިއަޑުއެހުމުގައި މުޝައްރަފުގެ ގާނޫނީ ޓީމުން ވަކާލާތު ކޮށްފައި ވަނީ އިސްލާމްއާބާދުގެ ބޭރުގައިވާ މުޝައްރަފުގެ ގަނޑުވަރަކީ ސަބް-ޖަލެއްގެ ގޮތުގައި ކަނޑައަޅާ، މުޝައްރަފު އެތާނގައި ބަންދުކުރުމަށެވެ. މިގޮތަށް ކަނޑައަޅައިފި ނަމަ، ޓެކްނިކަލީ މުޝައްރަފު ހުންނަވާނީ ގޭބަންދުގަ އެވެ.

ނަމަވެސް މި މައްސަލަ ނިންމާލަމުން ފަނޑިޔާރު ހުކުމްކޮށްފައި ވަނީ ޖުޑީޝަލް ރިމާންޑުގެ ދަށުން މިމައްސަލައިގެ ދެވަނަ އަޑުއެހުން ބޭއްވެންދެން މުޝައްރަފު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ.

މުޝައްރަފުގެ މައްސަލައިގެ އަޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަންނަ މޭ މަހުގެ 4 ވަނަ ދުވަހު އެވެ.