ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވި މީހަކު ދޮޅުއަހަރަށް އަރުވާލަން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ މ.މެޓްރޯވިލާ މަރްޔަމް ނަހުޝާ ނާޞިރުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑޭޓާ ޕްރޮސެސިން އޮފިސަރެއްގެ މަގާމުގައި އުޅެމުން، ކޯހަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ހަތަރު އެޕްލިކޭޝަން ފޯމުގެ އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި ނަގައިފައިވާ 400 ޑޮލަރާއި ހަވާލުވެ 2010 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ ލިމްކިކްވިން ޔުނިވާސިޓީގެ އެޕްލިކޭޝަންތައް ބަލައިގަތުމުގެ ކަންކަމާ ހަވާލުވެ ހުންނެވީ ނަހުޝާ ކަމާއި އެހެން މުވައްޒަފަކު ފޯމްތައް ބަލައިގަތަސް ނަހުޝާއާ އެ ފޯމް ހަވާލުކުރާ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

އެ ފޯމްތަކަށް ލިބުނު ފައިސާ ބަހައްޓާފައިވާ މޭޒުގެ ވަތްގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމާއި ފައިސާ ގެއްލުނުކަމަށް ފާހަގަކުރެވުނު ދުވަހު ނަހުޝާ ސަލާމުގައި ހުއްޓާ އޭނާ އަށް ގުޅުމުން އޮފޯހަށް ހާޒިރުވެ ވަތްގަނޑުގައި އޮތް ސިޓީ އުރަ ނަގައި ޗެކްކުރުމަށްފަހު ފައިސާ މަދުކަމަށް އޭނާ ބުނެފައިވާ ކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.