20 Apr 2013, 13:56
ބިސްކޭހެއް ވަގަށް ނެގި މީހަކު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ ދަތުރުނާގޭ އިބްރާހީމް ޖަމީލުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ ހުޅުމަލޭގައި ހުންނަ "މުހުދާތު" ފިހާރައަށް ގެންދިޔުމަށްޓަކައި ބިދޭސީއަކު ގަނެ ބާޒާރުމަތީގައި ހުންނަ ވީބީފިހާރަ ކައިރީ ބިސްކޭސް ގެއްލިފައި ވަނިކޮށް 2011 ވަނަ އަހަރުގެ މާޗް 19 ވަނަ ދުވަހު ޖަމީލުގެ އަތުން އެ ބިސްކޭސް ފެނިފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.
އެ ބިސްކޭހަކީ މާރުކޭޓް ސަރަހައްދުން ކާކުކަން ނޭނގޭ މީހަކު ވިއްކި އެއްޗެއް ކަމަށް ޖަމީލު ބުނާއިރު އެކަން ޖަމީލަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވަތީ ވައްކަން ކުރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ.