20 Apr 2013, 13:51
މި އަހަރު ރާއްޖެ އާއި ޕާކިސްތާނުގެ ރިޒާވުތައް ހީނަރުވެގެން ދިޔަ ކަމަށާއި ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިގުތިސާދު އަދި ވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން އަހަރަކު ދެފަހަރު ނެރޭ "ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް"ރިޕޯޓުގައި ބުނެފައި ވަނީ ދެކުނު އޭޝިޔާގެ އިގުތިސާދުތަކަށް ފުޅާވާން ހިފާފައިވީ ނަމަވެސް، އާބާދީ އަށް ބަލާއިރު ދުނިޔޭގެ އެންމެ ފަގީރުން ގިނަ ސަރަހައްދުގެ އިގްތިސާދު އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަަމަށެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައި ވަނީ އަފްޣާނިސްތާން، ބަންގުލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާގެ އިގްތިސާދު އެއްކޮށްލުމުން ވެސް، އިގުތިސާދު ފުޅާވެފައިވާ މިންވަރަކީ އެންމެ 4.7 ޕަސެންޓް ކަމަށެވެ. އަދި މި އަހަރު ނިމެންވާއިރަށް އެ އަދަދު 5.5 ޕަސެންޓް މައްޗަށް އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިންވެސްޓްމަންޓް އިތުރު ކުރުމަށް ހުރިހާ ގައުމަކުން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިރިޕޯޓުގައި ބުނެފައި ވަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިގުތިސާދު ނާޒުކު ވެގެން ގޮސްފައި ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތައް މަޑުޖެހި، އިންފްލޭޝަންގެ ނިސްބަތްތައް މައްޗަށް ދިއުމުގެ ސަބަބުން ސެންޓްރަލް ބޭންކުތަކުގެ މާލީ ސިޔާސަތުގެ ތެރެއިން އިގުތިސާދު ހަމައަކަށް އެޅުވުމުގެ ބާރު ދަށްވުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކަކީ އިމްޕޯޓުކުރާ މުދަލަށް ބަރޯސާވެފައިވާ ގައުމުތަކެއް ކަމުން، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ވެސް ދެކުނު އޭޝިޔާގެ އިގުތިސާދުތަކަށް ކުރަމުންދާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
އަދި ރާއްޖެ އާއި ޕާކިސްތާނުގެ ދައުލަތުގެ ރިޒާވުތައް ނުރައްކާތެރި މިންވަރުތަކަކަށް ދަށަށް ދިޔަ އިރު، އިންޑިއާ، ސްރީލަންކާ އަދި ބޫޓާންގެ ފިސްކަލް ޑެފިސިޓް ހުރީ މަތީގައި ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2012 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ ރިޒާވް ހުރީ 4.9 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަސް ނިމި، މާޗު މަހަށް އެޅި އިރު ދައުލަތުގެ ރިޒާވު 5.6 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.